ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ ކޮންމެ މެމްބަރު ގައުމަކަށް 10 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޔޫއެފާ އާއި ކޮންކާކަފް އިން ގޮވާލައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ދެމެދު ޔޫއެފާ އާއި ކޮންކާކަފްގެ އިތުރުން އޭއެފްސީގެ މެމްބަރު ގައުމުތަކުން މިހާރު އޮތް ހިތްހަމަނުޖެހުމަށް ކުރިމަތިކުރުވި ފައިސާގެ ޑިމާންޑާއިއެކު އިންފަންޓީނޯއަށް އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ޔޫއެފާ އާއި ކޮންކާކަފް އިން ގުޅިގެން ފީފާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ފީފާގެ ރިޒާވްގައި މިހާރު 6 ބިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށާއި އަދި މި އަދަދަކީ ފީފާގެ ކަންކަން ކުރުމަށް ބޭނުންވާ ބަޖެޓަށްވުރެ އިތުރު އަދަދެއް ކަމަށާއި އެހެންކަމުން ފީފާގެ މެމްބަރު 211 ގައުމަށް އެ ފައިސާ ބެހުމަށެވެ.
މި ސިޓީގައި އިތުރަށް ބުނެފައިވާ ގޮތުގައި 211 މެމްބަރު އެސޯސިއޭޝަނަށް 10 މިލިއަން އެމެރިކާ ޑޮލަރު 2027 އިން 2030 ގެ ނިޔަލަށް ބެހުމަށް ނިންމާއިރު މި ފައިސާ އަކީ އުމްރާނީ ތަރައްގީގެ އިތުރުން ފުޓްބޯޅައިގެ ތަރައްގީއަށް އިންވެސްޓް ކުރަން ދޭ ފައިސާއެވެ. އަދި މިފައިސާ އަކީ މިހާރު ފީފާއިން މެމްބަރ އެސޯސިއޭޝަން ތަކަށް ދޭ ފައިސާގެ އިތުރުން ދޭ އަދަދަކަށް ވާން ޖެހޭނެކަމަށްވެސް ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ސޮއި ކޮށްފައިވާ ސިޓީގައި ބުނެފައިވެއެވެ.
ފީފާގެ 211 މެމްބަރު ގައުމަށް ފައިސާ ދިނުމަށް ޔޫއެފާ އާއި ކޮންކާކަފް އިން ގޮވާލާފައިވާއިރު, އިންފަންޓީނޯއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ ވޯލްޑްކަޕަށްފަހު ފީފާ ފޯވާޑް އެންޓަޕްރައިޒްގެ 21 އިން ސައްތަ ހިއްސާ އާންމު ފަރާތްތަކަށް ވިއްކާލުމަށް ނިންމުމާއި ގުޅިގެންނެވެ.
ޔޫއެފާ އިން މިފަދަ ސިޓީއެއް ފީފާއަށް ފޮނުވާފައިވާއިރު މިދިޔަ ހަފްތާގައި އިނގިރޭސި އެފްއޭ އިން ވަނީ ފީފާ ފޯވާޑް ޕްރޮޖެކްޓާއި ގުޅޭ ހުރިހާ ލިޔެކިއުންތަކެއް ދެން އޮންނަ ފީފާގެ ކައުންސިލް ބައްދަލުވުމުގެ ކުރިން ހިއްސާ ކުރުމަށް ގޮވާލާފައެވެ.