އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން އެކުލަވާލާފައިވާނީ، ރިކަރަންޓް ޚަރަދުން ދަރަންޏަށް އިތުރުވާ މިންވަރު ކުޑަކޮށް، ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މައްޗަށްކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލެވިފައިވާނީ، ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މެދުވެރިކޮށް އިޤްތިޞާދީ އާ ފުރުސަތުތައް އުފެއްދުމަށްކަމަށެވެ.
ސަރުކާރުން އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ، ބަޖެޓު އެކުލަވާލެވިފައި ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ހިންގަވަމުންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބުރޫ އެރިޔަނުދީ، ދައުލަތަށް ލިބޭ އާމްދަނީއިން ޚަރަދު ދެކޮޅު ޖެއްސުމަށް އިސްކަންދެއްވައިގެންކަމަށެވެ. ހަމައެއާއެކު، ރިކަރަންޓް ޚަރަދުން ދަރަންޏަށް އިތުރުވާ މިންވަރު ކުޑަކޮށް، ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މި ބަޖެޓްގައި އިސްކަން ދެއްވާފައިވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި މަޑުޖެހުނަނުދީ ހަލުވިކުރުމާއި، ރައްޔިތުންގެ އާންމު ހާލަތު އިހުނަށްވުރެ ރަނގަޅުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަންދެއްވާފައިވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މިއީ މިހާތަނަށް ތަރައްޤީގެ މަޝްރޫޢުތަކަށް އެންމެ ބޮޑު ހިއްސާއެއް ކަނޑައެޅިފައި އޮތް ބަޖެޓުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"ސަރުކާރުގެ އަމާޒަކީ، މި ބަޖެޓު މެދުވެރިކޮށް ޤައުމުގެ ތަރައްޤީ އާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ބާއްޖަވެރިކުރުން. ދެހާސް ސަތާރަ ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މުޅިޖުމްލަ އަދަދަކީ ސައްބީސް ބިލިއަން ހަތްސަތޭކަ ނުވަދިހަ އެއްމިލިއަން ފަސްސަތޭކަ ބާވީސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ. ދެހާސް ސަތާރަ ވަނަ އަހަރަށް ކަނޑައަޅާފައި ވާ މި ބަޖެޓަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދޭ ބަޖެޓެއް. ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ބާރު އަޅާ ބަޖެޓެއް. އަދި މިއީ ފަހުގެ ތާރީޚެއްގައި ފާއިތުވެދިޔަ އަހަރަށްވުރެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅައި، އެ ކަމަށް އަމާޒުކޮށް، ބަޖެޓެއް އެކުލަވާލެވުނު ފުރަތަމަ ފަހަރު." މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14747196762507.jpg|މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު- ފޮޓޯ: ޕީއެސްއެމް
އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު، ބަޖެޓުގެ 51 އިންސައްތަ ހޭދަކުރަން ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އަދި 49 އިންސައްތަ ހިއްސާކުރާނީ ކެޕިޓަލް ޚަރަދުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 14 ބިލިއަން ރުފިޔާގެ ތެރެއިން 61 އިންސައްތަ ހޭދަކުރެވޭނީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި ޕެންޝަނަށެވެ. މިފަހަރުގެ ބަޖެޓަށް ބަލާއިރު، ސަރުކާރުންދޭ އެހީ އާއި ސަބްސިޑީއަށް 9 އިންސައްތަ ހޭދަކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތުގެ ޚަރަދަށް ބަޖެޓުގެ 16 އިންސައްތަ ޚަރަދުކުރެވުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ބަޖެޓެއްކަމަށެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިޤްތިޞާދީ ގޮތުން ހަމަޖެހޭ އުސޫލަކީ ދައުލަތުގެ ރިކަރަންޓް ޚަރަދު ލިބޭ އާމްދަނީން ފުދިގެން ދިޔުންކަމަށެވެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް ޚަރަދުވަނީ ގާތްގަނޑަކަށް 300 އިންސައްތަ ބޮޑުވެފައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" މި ފަދަ ޚަރަދުތަކުން ބަޖެޓު ޑެފިސިޓް އިތުރުވެގެން ދާ ވަރަކަށް ދަރަނިއަދާކުރުމަށް ހުރަސް އެޅޭނެ. އަދި އުފެއްދުންތެރި ކެޕިޓަލް ޚަރަދުތަކަށް ޖާގަކުޑަވާނެ. ވުމާއެކު، ރާއްޖޭގެ އިޤްތިޞާދީ ނިޒާމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ޓަކައި ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، މި ހިނގާ 2016 ވަނަ އަހަރު ރިކަރަންޓް ޚަރަދު ހިނގާނޭ މިންވަރާ އަޅައިބަލާއިރު 2017 ވަނަ އަހަރުގެ ރިކަރަންޓް ޚަރަދު 11 އިންސައްތަ ދަށްކުރުމަށް ވާނީ ކަނޑައެޅިފައި. މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުން ވާނެ." މިނިސްޓަރ ވިދާޅުވިއެވެ.
ދައުލަތަށް ލިބޭ އާމްދަނީން ރިކަރަންޓް ޚަރަދު ފޫބެއްދުމަށްޓަކައި، ޚަރަދު ކުޑަކުރެއްވުމަށް އިސްކަންދީ، ގިނަގުނަ ފިޔަވަޅުތަކެއް އެޅުމަށް މި ބަޖެޓުގައި ރާވާފައިވާނޭކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ސައްބީސް ޕޮއިންޓް ހަތެއް ބިލިއަން ރުފިޔާގެ ބަޖެޓުގެ 51 އިންސައްތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ކަނޑައެޅިފަވާއިރު، މިއަހަރަށް ކަނޑައެޅި ހަތާވީސް ޕޮއިންޓް ފަހެއް ބިލިއަން ރުފިޔާގެ ބަޖެޓްގެ ފަންސާސް ނުވަ އިންސައްތައަކީ ރިކަރަންޓް ހަރަދުކަން ފާހަގަކޮށްލެވެއެވެ. މިއީ ސޯޅަ ޕޮއިންޓް ދޭއް ބިލިއަން ރުފިޔާ. މިއަހަރަށް ކަނޑައެޅި ބަޖެޓަށް ބަލާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ ބަޖެޓްގެ ސާޅީސް އެކެއް އިންސައްތައެވެ. އަންނަ އަހަރުގެ މުޅި ބަޖެޓަށް ބަލާއިރު، އެންމެބޮޑަށް ފާހަގަކޮށްލެވިގެން ގޮސްފައިވަނީ، ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރެވެ. އެހެންކަމުން މިއީ، ރިކަރަންޓް ހަރަދު ކުޑަކުރެއްވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ގޮވާލައްވަމުންދާ ގޮވާލެއްވުންތަކަށް ސަރުކާރުން އިޖާބަދެއްވައި، އެފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒްކުރުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމެއްކަން ފާހަގަކޮށްލެވެއެވެ.