ފާއިތުވި ތިން އަހަރު ދުވަހު މެދުކެނޑުމެއްނެތި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ޔަހޫދީންގެ ދައުލަތުގެ ނިރުބަވެރި އަސްކަރިއްޔާއަށް ސިފައިންނާއި އަސްކަރީ އާލާތްތަކުގެ ބޮޑު ދަތިކަމެއް ކުރިމަތިވެ، ސިފައިންގެ ޗުއްޓީ ސަސްޕެންޑްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޔަހޫދީ ނޫހަކުން ރިޕޯޓުކޮށްފިއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި، ޔަހޫދީންގެ އަސްކަރިއްޔާގައި ސިފައިންގެ ޢަދަދު އިންތިހާއަށް މަދުވުމުގެ ނަތީޖާއެއްގެ ގޮތުން، ސިފައިންގެ އަސާސީ ޙައްޤުތަކަށް އަރައިގަނެ، އެމީހުންގެ ޗުއްޓީ ދިނުން ހުއްޓުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މީގެއިތުރުން، ޔަހޫދީ އަސްކަރިއްޔާގައި ބޭނުންވާ މިންވަރަށް އަސްކަރީ ޓޭންކާއި އެއްގަމު އުޅަނދު ނެތްކަން ހާމަކުރަމުން އެ ނޫހުން ބުނީ، ތިން އަހަރުގެ ހަނގުރާމައިގެ ސަބަބުން އަސްކަރީ ގިނަ އުޅަނދުތައް ހަލާކުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ސިޔާސީ ސަބަބުތަކަށްޓަކައި، ޔަހޫދީންގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗްއަށް އަސްކަރިއްޔާއަށް ދޭ ފައިސާ ކަނޑާލެވިދާނެ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމެއް ނެތި، އެތެރޭގެ ސިޔާސީ ކޯޅުންތަކުގައި އަވަދިނެތި އުޅެމުންދާ ކަމަށްވެސް އެ ނޫހުން ފާޑުކިޔާފައިވެއެވެ.
މިކަމާ ގުޅިގެން ޔަހޫދީންގެ ޗެނަލް 12 އިން ބުނެފައިވަނީ، އަސްކަރީ އާލާތްތައް ގަންނަން އޮތް ބަޖެޓު ކުޑަވުމުގެ ސަބަބުން، އެމެރިކާގެ ބޮއިންގ ކުންފުނިން 12 އަސްކަރީ ހެލިކޮޕްޓަރު ގަންނަން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. މި ރިޕޯޓު އައިސްފައިވަނީ އަސްކަރީ ބަޖެޓު އިތުރުކުރުމަށް އިދިކޮޅު ލީޑަރުގެ އެއްބާރުލުން ހޯދުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާންމު ބައްދަލުވުމެއްގައި ކުރި މަސައްކަތް ނާކާމިޔާބުވިތާ އެއްދުވަސް ފަހުންނެވެ.
ޗެނަލް 12 އިން އިތުރަށް ބުނި ގޮތުގައި، އެދިފައިވާ ބަޖެޓު އަވަހަށް ނުލިބިއްޖެނަމަ، ހަނގުރާމައިގައި ހަލާކުވެފައިވާ ޓޭންކްތަކާއި އެހެނިހެން އުޅަނދުތައް މަރާމާތުކޮށް އަލުން ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ހުއްޓޭނެ ކަމަށާއި، ބައެއް ބާވަތްތަކުގެ ވަޒަން އުފައްދުމަށްވެސް މީގެ އަސަރުކުރާނެ ކަމަށް އަސްކަރިއްޔާއިން އަންނަނީ އިންޒާރު ދެމުންނެވެ.
ފާއިތުވި ތިން އަހަރު ތެރޭގައި ޔަހޫދީ އަސްކަރިއްޔާއިން ވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި އެތައް ހަނގުރާމަތަކަކާއި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގައިފައެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މެދުކެނޑުމެއްނެތި ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގެ އިތުރުން، ލުބުނާނާއި އީރާނާ ދެކޮޅަށް ކުރާހަނގުރާމަތަކާއި، ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ސޫރިޔާއަށް ދެމުންދާ ހަމަލާތައް ހިމެނެއެވެ.
މި ހުރިހާ ހަނގުރާމަތަކެއްގެ ސަބަބުން ޔަހޫދީ އަސްކަރިއްޔާއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ލިބެމުންދާ ގެއްލުންތަކުގެ ޙަޤީޤީ މަޢުލޫމާތުތައް ޔަހޫދީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް އޮޅުވާލައި، ސިއްރުކުރަމުންނެވެ.