ޚަބަރު

މިއަހަރުު 2000 އަށްވުރެ ގިނަ މައްސަލަ ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅައިފި


  • އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް

  • ޕީޖީ އޮފީހަށް 1653 މައްސަލައެއް ބަލައިގަތް

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިއަހަރުގެ މިހާތަނަށް 2000 އަށްވުރެ ގިނަ މައްސަލައިގައި ދަޢުވާ އުފުލުމަށް ކޯޓަށް ހުށަހަޅާފައިވާކަން ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ވޭތުވެދިޔަ 8 މަހުގެ ތެރޭގައި ޕީޖީ އޮފީހުން މައްސަލަ ބެލުމަށްފަހު ކޯޓަށް ހުށައަޅާފައިވާ މައްސަލަތައްވަނީ އެވްރެޖްކޮށް މަހުން މަހަށް އިތުރުވެފައެވެ.

ފުލުހުންގެ އިދާރާއިން އެކި މައްސަލަތަކާއި ގުޅިގެން ހުށައަޅާ މައްސަލަތައް ދިރާސާކުރުމަށްފަހު ފިޔަވަޅު އެޅުމަށްޓަކައި މައްސަލަ ކޯޓަށް ހުށައެޅުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުރައްވަމުންދާއިރު މިއީ އިންސާފު ޤާއިމުކޮށް އަމާން ޤާއިމުކުރުމުގައި އަވަސްކުރަންޖެހޭ މަރުޙަލާއެކެވެ.

އެކަން ކަށަވަރުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން މިއަހަރުގެ މިހާތަނަށް މައްސަލަ ދިރާސާކުރެއްވުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުންވަނީ 2231 މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އޭގެތެއިން އެންމެ ގިނައީ މަސްތުވަތަކެތީގެ މައްސަލައެވެ. އެފަދަ 451 މައްސަލައެއް މިއަހަރުގެ މިހާތަނަށްވަނީ ކޯޓަށް ހުށަހަޅާފައެވެ. ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 2372 މައްސަލައެއްގައި ކޯޓުންވަނީ ހުކުމްކޮށްފައެވެ.


ޕީޖީ އޮފީހުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެ އޮފީހުން ވަނީ 1653 މައްސަލައެއް ބަލައިގަނެފައެވެ. ތަޙުގީގީ އިދާރާތަކުން އެކި މައްސަލަތަކާ ގުޅިގެން ޕީޖީގެ ލަފައަކަށް އެދިފައިވާ 4970 މައްސަލައެއްގައި ޕީޖީގެ ލަފާވަނީ އެއިދާރާތަކަށް އަރުވާފައެވެ.

ރައްޔިތުންގެ މުދަލާއި އަބުރާއި އަދި މުޖުތަމަޢުގެ ހަމަޖެހުމާއި ގުޅިފައިވާ މައްސަލަތަކުގައި ފުލުހުންގެ އިދާރާއިން ތަޙުޤީޤުކުރުމަށްފަހު ހުށައަޅާ މައްސަލަތައް ވީއެންމެ އަވަހަކަށް ކޯޓަށް ހުށައަޅާ އިންސާފު ޤާއިމުކުރުމަށް ޕީޖީ އޮފީހުން މަސައްކަތްކުރެއެވެ. އަދި ކޯޓުތަކުން ބަލަމުންދާ މައްސަލަތައް އަވަސްކުރުމުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުން ކޯޓުތަކަށް ދެއްވާނެކަމުގެ ޔަޤީންކަން އެއޮފީހުން އަރުވައެވެ.