ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދާނެ ގޮތްތައް ބަލައި ބަޖެޓަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ބަޖެޓެއް އެކުލަވާލާއިރު، އެންމެބޮޑަށް އިސްކަންދޭ އެއް ކަންތަކެވެ. އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށްވެސް ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ނިންމަވާފައެވެ.
އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިއީ މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރި އަދަދާއި އަޅާބަލާއިރު، ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ ދަށްވުމެކެވެ. މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކޮށްފައިވަނީ، ޓެކުހުގެ ގޮތުގައި ލިބޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ލިބޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 876 މިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން 2 ބިލިއަން ރުފިޔާ ލިބޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14687363009789.jpg|ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު -
"2017 ވަނަ އަހަރު 2016 ވަނަ އަހަރަށްވުރެ ޓެކުހާއި ޓެކްސް ނޫން ގޮތް ގޮތުން ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވޭ. އެއީ ފަތުރުވެރިކަން ކުރިއަރައި، ރާއްޖޭގެ ޖީ.ޑީ.ޕީ މައްޗަށް ދާނެކަމަށް ލަފާކުރެވޭތީ. އަދި ދިހަޔަކަށްވުރެ ގިނަ ރިޒޯޓް ހުޅުވި އުފެއްދުންތެރިކަން މައްޗަށްދާނެކަމަށް ޤަބޫލުކުރެވޭތީ." ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ސަރުކާރުން ހުށަހެޅުމަށް ނިންމަވާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި، ބިންވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން އިޤްތިޞާދީ ބޭނުންތަކަށް ބިންވިއްކުމާއި ސިއްޙަތަށް ގެއްލުންހުރި ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި ސްޕެޝަލް އިކޮނިމިކް ޒޯންތަކުގައި ތަރައްޤީކުރާ މަޝްރޫޢުތަކުން ލިބޭ އެކިއުޒިޝަން ފީ ހިމެނޭއެވެ. އަދި މާލެ ސަރަހައްދުގެ ދުއްވާތަކެތީގެ ތޮއްޖެހުން ކުޑަކުރުމަށް ކޮންޖެޝަން ޗާޖެއް ތައާރަފުކުރުމާއި ޓެކްސީ އާއި ޕިކަޕް ހުއްދައިގެ ކޯޓާގެ ނިޒާމު ހަރުދަނާކޮށް ހުއްދަތައް ވިއްކަން ފެށުންވެސް ހިމެނެއެވެ.
މީގެ އިތުރަށް ސޮވެރިން ޑިވަލޮޕްމަންޓް ފަންޑެއް ޤާއިމް ކުރުމަށްޓަކައި އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖެއް ނެގުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަލާއިރު، ބަޖެޓު ޑެފިސިޓަކީ 304 މިލިއަން ރުފިޔާކަމަށެވެ. މިގޮތުން މިއީ ޖީ.ޑީ.ޕީގެ 0.5 އިންސައްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޑެފިސިޓް ފޫބެއްދުމަށް ރާވާފައިވަނީ ބޭރުގެ ފަރާތްތަކުން އެކި މަޝްރޫޢުތައް ހިންގުމަށް ހޯދާ ފައިސާއިން. މީގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ވިއްކާ ޞުކޫކާއި ބޮންޑްވެސް ހިމެނޭ. އަދި އެހެން އަހަރު ތަކެކޭވެސް އެއްފަދައިންކޭޝްފްލޯ ހަމަޖެއްސުމަށް ޓަކައިޓްރެޜަރީ ބިލު ވިއްކުމަށް ބަޖެޓުކޮށްފައިވާނެ.އެހެންނަމަވެސް، އެތެރޭގެ ދަރަނި އަނބުރާ ދައްކައި، މި ދަރަނި ކުޑަކުރުމަށް ރޭވިފައިވޭ. އަޅުގަނޑު މި ހުށަހަޅާ 2017 ވަނަ އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލަންސަކީ އަރަނި 1.1 ބިލިއަން ރުފިޔާ.މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 1.7 އިންސައްތަކަން އަޅުގަނޑު ފާހަގަކޮށްލަން " ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/8665.jpg|ދިވެހި ފައިސާ / ފޮޓޯ: އެމްއެމްއޭ
ބަޖެޓު ޑެފިސިޓް ފައިނޭންސްކުރުމުގެ ނިޒާމަށް އަންނަ އަހަރު ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ވަނީ ރާވަވާފައެވެ. މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ މުނައްވަރު ވިދާޅުވީ، އެކަމަށްޓަކައި އެކަށައެޅިފައިވާ ދަރަނީގެ ސިޔާސަތުގެ ދަށުން ކުރު މުއްދަތުގެ ދަރަނި ދިގު މުއްދަތަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މާލީ ބާޒާރު މެދުވެރިކޮށް ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ނިންމަވާފައިވާކަމަށާއި، މިގޮތުން މި އަހަރު ޝާއިޢުކުރި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އެއް ބޭނުމަކީވެސް ރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކުރުމާއި ބައިނަލްއަޤްވާމީ މާލީ ބާޒާރަށް ދިވެހިރާއްޖެ ނުކުތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ޔޫ.އެސް. ޑޮލަރު ބޮންޑާއި މިފަދަ އިތުރު ފައިނޭންޝަލް އިންސްޓްރުމަންޓްތައް ތައާރަފްކުރެވުމަށް ނިންމަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި އިސްލާހީ ބަދަލުތަކުގެ ތެރެއިން ދައުލަތުގެ ދަރަނި މެނޭޖްކުރެވި، ދަރަނީގެ ޚިދުމަތުގެ ޚަރަދު ކުޑަ ކުރުމުގެ މަގު ފަހިވެގެންދާނޭކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓްގެ ގޮތުގައި 304 މިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު، މިހިނގާ ދެހާސް ސޯޅަ ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓްގެ ގޮތުގައި ލަފާކޮށްފައިވަނީ ތިނެއް ޕޮއިންޓް ހަތަރެއް ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް ފާހަގަކޮށްލެވިގެން ގޮސްފައިވަނީ މިފަހުގެ ތާރީހެއްގައިވެސް ދައުލަތުގެ ބަޖެޓް ޑެފިސިޓް އެންމެ ދަށް ބަޖެޓްގެ ގޮތުގައެވެ. މިއީ ރާއްޖޭގެ ދަރަނި ކުޑަކުރުމަށް ރައީސް ޔާމިންގެ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެޅިގެންދާނޭ މުހިއްމު ފިޔަވަޅެއްކަމަށް ބަޖެޓް ދިރާސާކުރާ ބޭފުޅުން ފާހަގަކުރައްވާފައެވެ.