ދިރާގު ދިވެހި ޕްރިމިއަރ ލީގަށް އަލަށް ޕްރޮމޯޓުވި ބިސްބުރު ސްޕޯޓްސް ކުލަބުން، ލީގުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ލީގުގައި ބިސްބުރުން ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ކްލަބް އީގަލްސް އަތުން ވަނީ ބަލިވެފައެވެ.
ދެވަނަ މެޗުގައި ބިސްބުރު ނުކުންނަން ޖެހުނީ، ދިވެހި ލީގު ކޮލިފައިންގައި އެޓީމުގެ މައްޗަށް 2-6ގެ ނަތީޖާއަކުން ކުރި ހޯދި ހއ. ދިއްދޫއާ ދެކޮޅަށެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި، އެހެންނަމަވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ކޮލިފައިންގައި ދިއްދޫއިން ކުރިމަތިކުރުވި ނާކާމިޔާބީއަށް ބަދަލުހިފައި، ބިސްބުރު މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދާއިރު، މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ދިއްދޫގެ ތަހުމީން ނޫހަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތްކާޑެއް ދައްކާފައެވެ.
އެހެންކަމުން މެޗުގެ ދެވަނަ ހާފު އެއްކޮށް ދިއްދޫއިން ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ.
މި މެޗުން ބިސްބުރު މޮޅުކޮށްދީ، ތާރީޚީ ތިން ޕޮއިންޓު ހޯދައިދިން ލަނޑު، ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 68ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބަރްނަބާސް ފްރައިޑޭ އަކަންމިޑޫއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ.
ބިސްބުރުން ދިވެހި ލީގުގައި ފުރަތަމަ މޮޅު ހޯދި މި މެޗާއެކު، ލީގުގެ ކުޅުން މިވަނީ ބައިނަލްއަގްވާމީ ބްރޭކަށް މެދުކަނޑާލާފައެވެ. މި ބްރޭކުގެ ތެރޭގައި ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން ތިން މެޗެއް ކުޅޭނެއެވެ.
ބްރޭކަށްފަހު ދެން ލީގުގެ މެޗުތައް އަލުން ފަށާނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ. ބްރޭކަށްފަހު ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބިސްބުރާއި ބުރު ސްޕޯޓްސް ކުލަބެވެ.
ލީގުގެ ފުރަތަމަ ބްރޭކާ ހަމައަށް ދިޔައިރު ގައްދޫ އަދި ދިއްދޫއިން ތިން މެޗު ކުޅެފައިވާއިރު އެހެން ހުރިހާ ޓީމަކުން ވަނީ ދެމެޗު ކުޅެފައެވެ. ލީގު ތާވަލަށް ބަލާލާއިރު އެއްވަނައިގައި އޮތް ވިކްޓްރީއަށާއި ދެވަނައިގައި އޮތް އީގަލްސްއަށް އަދި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބު، ފަސްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ހަވަނައިގައި އޮތް ދިއްދޫއާއި ހަތްވަނައިގައި އޮތް ބިސްބުރަށް އަދި އަށްވަނައިގައި އޮތް ޓީސީ ސްޕޯޓްްސް ކުލަބަށް ވެސް ވަނީ ތިން ޕޮއިންޓު ލިބިފައެވެ.
ޕޮއިންޓެއް ލިބިފައި ނުވަނީ ނުވަވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބަށާއި ފުލުގައި އޮތް ގައްދޫ ރެކްރިއޭޝަން ކުލަބަށެވެ.
ތާވަލުގައި އެއްވަރަކަށް ޕޮއިންޓު ލިބިފައިވާ ޓީމުތައް ދަރަޖަކުރެވިފައިވަނީ ގޯލު ތަފާތަށް ބަލައިގެންނެވެ.