ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސްސެވަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ. މިއީ މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ އެއާލައިންއެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ އެއާލައިނުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ނޯވޯސިބިއެސްކްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވާ އެސްސެވަންގެ ދަތުރުތައް ހަފުތާއަކު 2 ދުވަހު މި ދަތުރުތައް ކުރާނެއެވެ. އެއީ ހޯމަ އަދި ހުކުރު ދުވަހެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރެވެ.
މި ދަތުރުތަކާ ގުޅިގެން ރަޝިޔާގެ ޓެޒް ޓުއާއިން ވަނީ ހާއްސަ ޕެކޭޖުތަކެއްވެސް ވިއްކަން ފަށާފައެވެ. އެގޮތުން ކުރީބައިގައި ބުކްކުރާ ފަރާތްތަކަށް އެކޮމޮޑޭޝަނުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
މި ދަތުރުތަކަށް މަގުފަހިވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު، މުޙައްމަދު އަމީން ރަޝިއާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރަޝިއާއަކީ ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 222,796 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.