އިޤްތިޞާދީ ދުޅަހެޔޮކަން

ބަޖެޓް 2017 - ރަސްމީ ރިޒާވް އިތުރުވެގެންދާނެ


އަންނަ އަހަރަށް ދައުލަތުން ހުށައެޅުވި ބަޖެޓްގައިވާ ގޮތުން ދިވެހި ދައުލަތަށް ނަގުދު ފާއިސާގެ ގޮތުގައި 2015 ވަނަ އަހަރު 17.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެ އަހަރު 21.4 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ. 2015 ވަނަ އަހަރުގެ ބަޖެޓްގެ ޑެފިސިޓަކީ 4.1 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި އަންދާޒާކުރާ ގޮތުން މިއަހަރު ދައުލަތަށް 18.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު އެކި ހަރަދުގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މިއަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް 4.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 7.4 އިންސައްތައެވެ.

މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 36.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 64 އިންސައްތައެވެ. ދައުލަތުގެ ދަރަނީގެ ބޮޑު އިންސަތައެއް ބިނާވެފައިވަނީ އެތެރޭގެ ދަރަނީގެ ގޮތުގައެވެ. މިގޮތުން އެތެރޭގެ ދަރަނީގެ އަދަދު 72 އިންސައްތައަށް އަރައެވެ. އަދި 28 އިންސައްތައަކީ ބޭރުގެ ދަރަންޏެވެ. މި އަންދާޒާތަކަކީ ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ހެދިފައިވާ އަންދާޒާތަކެއްކަމަށް ބަޖެޓުގައި ފާހަގަކުރައްވާފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/4104.jpg|މަރުކަޒީ ބޭންކު، އެމްއެމްއޭ - ފައިލް ފޮޓޯ: ޕީއެސްއެމް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި، މިހިނގާ 2016 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން ހުންނާނީ 3.1 އިންސައްތައިގައެވެ. އެހެންނަމަވެސް، ކުރިއަރަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދީ ދުވެލި ރަނގަޅުވަމުން ދިޔުމާއެކު، 2017 ވަނައަހަރު ދުނިޔޭގެ އިޤްތިޞާދީ ދުވެލި3.4 އިންސައްތައަށް މައްޗަށް ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ލިބޭ އުންމީދީ ފެހިސިގްނަލެއްކަމަށްވެސް ބަޖެޓްގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ އިންފްލޭޝަނަށް ނުވަތަ ލާދައަށް ބަލާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ޖުމުލަކޮށް ދަށަށް ދިއުމާއެކު، ރާއްޖޭގެ އިންފްލޭޝަން ރޭޓުވަރަށް ބޮޑަށް  ދަށްވެފައިވާކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ފާހަގަކޮށްފައިފައިވެއެވެ. މިގޮތުން މިއަހަރު ނިމޭއިރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ލަފާކުރަނީ 1.9 އިންސައްތައިގައެވެ. އަދި އަންނަ އަހަރު އިންފްލޭޝަން ރޭޓު 1.4 އިންސައްތައަސް އަރާނެކަމަށް ދައުލަތުގެ ބަޖެޓްގައި ލަފާކޮށްފައިވެއެވެ.