އިޓަލީވިލާތުގެ ޤައުމީ ޓީމުން ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ތަށްޓެއް ކާމިޔާބު ކުރާނެކަމަށް އެޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.
މަންޗީނީ މިހެން ބުނެފައިވަނީ ކުރިއަށް އޮތް ޔުއޭފާ ނޭޝަންސް ލީގުގައި އިޓަލީވިލާތުން ކުޅެން ޖެހޭ މެޗުތަކަށް ފަރިތަކުރުންތައް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މަންޗީނީ ބުނީ އޭނާ އިޓަލީވިލާތުގެ ކޯޗުކަމާއި ހަވާލުވީ ވީހާވެސް އަވަހަކަށް އެޓީމާއެކު ކާމިޔާބީ ހާސިލް ކުރަން ކަމަަށާއި ނޭޝަންސް ލީގުގެ ކެމްޕެއިނާއެކު ކުރިއަށްދާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
މަންޗީނީގެ ކޯޗުކަމުގެ ދަށުން އިޓަލީވިލާތުންވަނީ ނޭޝަންސް ލީގުގައި ދެ ފަހަރު މަތިން ތިންވަނަ މަގާމް ހާސިމް ކޮށްފައެވެ. މަންޗީނީ ބުނީ ޤައުމީ ޓީމާއެކު އަލުން ކާމިޔާބީ ހާސިލް ކުރުމަށް ކިހާވަގުތެއް ނަގާނެކަމެއް ބުނެދޭން ނޭނގޭ ކަމަށާއި ނަމަވެސް މިވަގުތު މުހިންމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ވީހާވެސް އަވަހަކަށް ދަސްކޮށް އެކުޅުންތެރިންގެ ފަރާތުން މުސްތަގްބަލުގައި ޓީމަށް ކުރާނެ ފައިދާ ދެނެގަތުން ކަމަށެވެ.
މަންޗީނީ ބުނީ ކުރިއަށްއޮތީ މުހިންމު މެޗުތަކެއް ކަމަށާއި އެންމެ ފުރަތަމަވެސް މިއޮތީ ރަސްމީ މެޗުތަކެއް ކަމުން ގޯހެއް ހެދުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އިޓަލީވިލާތަށް ޖެހޭނީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެ ރޭންކިންގގައި ކުރިއަށް ދެވޭތޯ މަސައްކަތް ކުރަން ކަމަށް މަންޗީނީ ބުންޏެވެ.
ނޭޝަންސް ލީގުގައި މިފަހަރު ކުޅެން ހަމަޖެހިފައިވާ ހަތަރު މެޗަށް މަންޗީނީވަނީ 34 ކުޅުންތެރިންގެ ޓީމެއް އެކުލަވާލައިފައެވެ. އަދި މިފަހަރުގެ ޓީމު އެކުލަވާލުމުގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދީފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ޤައުމީ ޓީމަށް މިހާތަނަށް ކުޅެފައިނުވާ 11 ކުޅުންތެރިން ނަގާފައިވާކަން ފާހަގަ ކޮށްލެވޭއިރު 22 އަަހަރުން ދަށުގެ 11 ކުޅުންތެރިން ހިމަނާފައިވެއެވެ. މީގެކުރިން އިޓަލީވިލާތުގައި އުފެދޭ ޒުވާން ކުޅުންތެރިންގެ އަދަދު ނިސްބަތުން މަދު ނަމަވެސް މިހާރު ޒުވާން ކުޅުންތެރިންގެ އަދަދު އަންނަނީ އިތުރު ވަމުންކަން މަންޗީނީ އުފަލާއެކު ފާހަގަ ކުރިއެވެ. މީގެއިތުރުން މިހާރުގެ ޒުވާން ކުޅުންތެރިންގެ ކިބައިގައި ޓެކްނިކަލް ހުނަރުގެ އިތުރުން ފިޒިކަލީވެސް ވަރަށް ރަނގަޅުކަން އޭނާ ހާމަކުރިއެވެ.
އިޓަލީވިލާތުން ވަނީ އެޓީމުގެ ފަރިތަކުރުންތައް ރޭ ފަށައިފައެވެ. ނަމަވެސް މަންޗީނީ އެކުލަވާލި 34 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ފެޑެރީކޯ ޑިމާކޯ އާއި ބްރަޔަން ކްރިސްޓާންޓޭއަށް އަނިޔާވެ ޓީމާއި ވަކިވެފައިވާއިރު އޭގެ ބަދަލުގައި މަޓިއޯ ރުޖޭރީ އާއި ސެމިއުލް ރިޗީ ވަނީ ޓީމަށް ނަގައިފައެވެ. އަދި މަންޗީނީގެ ކޯޗުކަމުގެ ދަށުން މިފަހަރު ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ނިކުންނާނީ ބެލްޖިއަމް އާއި ދެކޮޅަށެވެ. މީގެއިތުރުން މިފަހަރު ރަށުން ބޭރުގައި ތުރުކީޔޭ އާއި ކުޅުމަށް ހަމަޖެހިފައިވާއިރު ރަށުން ބޭރުގައި ފަރަންސޭސިވިލާތާއި ދެކޮޅަށްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މަންޗީނީވަނީ އިޓަލީވިލާތުގެ ޤައުމީ ޓީމުގެ ކޯޗުކަން 2018 ވަނަ އަހަރުން 2023 ވަނަ އަހަރާއި ދެމެދުވެސް ކޮށްފައެވެ. އެފަހަރު ޔޫރޯ 2020ގެ މުބާރާތް އިޓަލީވިލާތަށް ކާމިޔާބު ކޮށްދިނުމުގެ އިތުރުން ބަލިނުވެ 37 މެޗު ހަމަކޮށްފައިވެއެވެ.