މިދިޔަ އާދިއްތަ ދުވަހުގެރޭ ސަންޑަލޭންޑްގެ ޖަރޒީގައި ނެދަލެންޑްސްގެ ބްރަޔަން ބްރޮބޭ ތިން ގޯލު ޖަހާ ހެޓްރިކް ހެދީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު, އިނގިރޭސި ޕްރިމިއަރ ލީގުގެވެ. ލީގުގެ ނިސްބަތުން އާދައިގެ ޓީމެއްގައި ހުރެ އޭނާ ހެޓްރިކް ހެދީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމް ކޮޅަށެވެ. އެންމެ އަގުބޮޑު އެސް ސްކޮޑް އޮތް މެންޗެސްޓަރ ސިޓީ ކޮޅަށެވެ.
މެޗުން ސަންޑަލޭންޑް ބަލިވިޔަސް ބްރަޔަން ބްރޮބޭގެ ހެޓްރިކް ޚާއްޞައެވެ. އެ ހެޓްރިކްގެ ވާހަކަ ފާހަގަކުރަން ޖެހެއެވެ. އެއީ 2007 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗެއްގައި ބަލިވި ޓީމްގައި ހުރެ ހެދި ފުރަތަމަ ހެޓްރިކެވެ. ޕްރިމިއަރ ލީގު އާފޯމެޓްގައި 1992 ވަނަ އަހަރު ފެށި ފަހުން އެކަން ކުރެވިފައިވަނީ އެންމެ ފަސް ކުޅުންތެރިންނަށެވެ. ބަލިވި ޓީމްގެ ކުޅުންތެރިއަކު ޕްރިމިއަރ ލީގުގައި ހަދާފައިވަނީ 6 ހެޓްރިކެވެ. ބަލިވި ޓީމްގައި ހުރެ އެއް ކުޅުންތެރިއަކު ދެ ފަހަރު ހެޓްރިކް ހެދިއެވެ.
ސަންޑަލޭންޑް އަތުން 5-3 ން މެންޗެސްޓަރ ސިޓީ މޮޅުވި މެޗުގައި ބްރޮބޭ ހެދި ހެޓްރިކާއެކު އޭނާ އަކީ އެލިސްޓްގެ ފަސްވަނަ ކުޅުންތެރިޔާއެވެ. އޭނާ ހެޓްރިކް ހެދީ ފުރަތަމަ ހާފްގައި ދެ ގޯލް ޖަހައި, ދެވަނަ ހާފްގެ ކުރީކޮޅު ތިންވަނަ ގޯލެއް ޖަހައިގެންނެވެ. މެންޗެސްޓަރ ސިޓީގެ ސެމެންސޯ ދެ ގޯލް ޖެހި އެވެ. ސިޓީ ކުޅުންތެރިއަކަށް އެމެޗުގައި ހެޓްރިކެއް ނުހެދެއެވެ.
ބްރަޔަން ބްރޮބޭގެ ކުރިން 2007 ވަނަ އަހަރު ޕްރިމިއަރ ލީގުގައި ބަލިވި ޓީމްގައި ހުރެ ހެޓްރިކް ހެދީ ސަންތަ ކްރޫޒް އެވެ. އެއީ ވިގަން އެތްލެޓިކް އަތުން ބްލެކްބަރން ރޯވާސް ބަލިވި މެޗުގައެވެ. އެއީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
2007 ވަނަ އަހަރުގެ ކުރިން ބަލިވި ޓީމްގައި ހެޓްރިކް ހެދި ހަތަރު ކުޅުންތެރިންވެސް ހެޓްރިކް ހެދީ 2000 ވަނަ އަހަރުގެ ކުރިންނެވެ. 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޑްވައިޓް ޔޯކް އެސްޓަން ވިލާގައި ހެޓްރިކް ހެދިއެވެ. އެމެޗު 4-3 ން ކާމިޔާބުކުރީ ނިއުކާސަލް އެވެ.
ޑިއޮން ޑުބްލިން 1995 ވަނަ އަހަރު ކޮވެންޓްރީ ސިޓީގައި ހެޓްރިކް ހެދި މެޗު 4-3 ން ކާމިޔާބުކުރީ ޝެފީލްޑް އެވެ. ބަލިވި ޓީމްގައި ހުރެ ދެ ފަހަރު ހެޓްރިކް ހެދި ކުޅުންތެރިއަކީ ސައުތްހެމްޓަންގެ މާޓް ލެ ޓިސިއާ އެވެ. އެއީ 1993 ވަނަ އަހަރާއި 1995 ވަނަ އަހަރު އެވެ. ފުރަތަމަ އޭނާ ހެޓްރިކް ހެދީ އޮލްދަމް އެތްލެޓިކް ކޮޅަށެވެ. އަދި ފަހުން ނޮޓިންގހަމް ފޮރެސްޓް ކޮޅަށެވެ. އެ ދެމެޗުންވެސް ސައުތްހެމްޓަން ބަލިވީ 4-3 ނެވެ.