ޚަބަރު

ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފި


  • ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަންދޭންޖެހޭ

  • ނަން ބޯޑުތަކުގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔަންޖެހޭ

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާ އެއްގޮތަށް ހުރިހާ އެންމެންވެސް ޢަމަލުކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެކަމަށެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ މިއާ އެއްގޮތަށް އަމަލުކުރުމަކީ ލާޒިމުކަމެއްކަން އެ އެކެޑަމީން ފާހަގަކުރައްވައެވެ.

ޤާނޫނެއްގައި، ވަކިގޮތަކަށް އަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެކަމަށްވެސް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވިއެވެ. ނަމަވެސް މިއާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާ އެއްގޮތަށް އެންމެހައި ފަރާތްތަކުން ޢަމަލުކުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.