ޚަބަރު

ފަލަސްޠީނުގެ މައްސަލައަށް އދގެ އާންމު މަޖިލީހުގައި ހާއްސަ ސަމާލުކަމެއް


އދގެ އާންމު މަޖިލީހުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވިޔަ ނުދިނުމަށް ހުރަސް އެޅުމުގެ މަޤްޞަދު ހާސިލްވެފައި ނުވާ ކަމަށާއި، އދގައި ފަލަސްޠީނުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ލިބިފައިވާ ކަމަށް ފަލަސްޠީނުން ބުނެފިއެވެ.

އެމެރިކާއިން ވަނީ އދގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އެ ޤައުމަށް ވަނުމަށް މަޙްމޫދު ޢަައްބާސްއަށް ވިސާ ދިނުމަށް ދެކޮޅު ހަދައިފައެވެ. މިއީ އދގެ އާންމު މަޖިލީހާ ދިމާކޮށް މަޙްމޫދު ޢައްބާސްއަށް ވިސާ ދޫކުރުމަށް އެމެރިކާއިން ދެކޮޅު ހަދާފައިވާ ވިދިވިދިގެން ދެވަނަ އަހަރެވެ. ނަތީޖާއެއްގެ ގޮތުން އެ ބައްދަލުވުންތަކުގައި މަޙްމޫދު ޢައްބާސް ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގެންފައި ވަނީ ރެކޯޑުކޮށްފައިވާ ވީޑިއޯއެއް މެދުވެރިކޮށެވެ. 1947ވަނަ އަހަރު އެމެރިކާއާއި އދއާ ދެމެދު ސޮއިކޮށްފައިވާ ޔޫއެން ހެޑްކުއާޓާ އެގްރިމެންޓުގެ ދަށުން، ބައްދަލުވުން ބާއްވާ ޤައުމުގެ ހައިސިއްޔަތުން އދގެ މެންބަރު ޤައުމުތަކާއި މަންދޫބުން އެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ މަގު އެމެރިކާއިން ތަނަވަސްކޮށްދޭން ޖެހެއެވެ.

ފަލަސްޠީނުގެ ރިޔާސަތުގެ ތަރުޖަމާނު، ނަބީލް އަބޫ ރުދައިނާ ވިދާޅުވީ މަޙްމޫދު ޢައްބާސް އެމެރިކާއަށް އެތެރެވުމަށް ހުރަސްއެޅި ނަމަވެސް، ޤައުމުތަކުން ކުރި ތަޤުރީރުތަކުގައި ފަލަސްޠީނުގެ މައްސަލައަށް މުހިންމުކަން ދީފައިވާ ކަމަށެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގައި ވެސް ފަލަސްޠީނުގެ ރައްޔިތުންގެ އަޑު ގުގުމާލާފައިވާ ކަމަށާއި، ފަލަސްޠީނުގެ ވާހަކަތައް އދގެ ޤަރާރުތަކުގައިއާއި ގިނަ މެންބަރު ޤައުމުތަކުން އެ މަޖިލީހުގައި ދެއްކި ވާހަކަތަކުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އދގެ އާންމު މަޖިލީހުގެ އިތުރުން ބައިނަލްއަޤްވާމީ އެހެން ބައްދަލުވުންތަކުގައި ބައިވެރިވުމަށް ފަލަސްޠީނަށް ހުރަސްތައް އޮތް ނަމަވެސް އެ ޤައުމުން އެ ފަފަ ބައްދަލުވުންތަކުގައި ބައިވެރިވަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2012ވަނަ އަހަރު އދގެ އޮބްސާވަރެއްގެ މަޤާމު ފަލަސްޠީނަށް ވަނީ ދީފައެވެ. އދގެ 193 މެންބަރު ޤައުމުގެ ތެރެއިން ގިނަ ޤައުމުތައް އެ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެއެވެ.