ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ޖަޕާނުގެ 17 އަހަރުގެ ފެތުންތެރިއަކު ފިރިހެނުންގެ 200 މީޓަރު ބްރެސްޓްރޯކްގެ ދުނިޔޭގެ ރެކޯޑް މުގުރާލައިފި އެވެ.
ޝިން އޮހާޝީ މި ރެކޯޑް ހެދީ ދެ މިނިޓް 4.83 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން މި ރެކޯޑް އޮތީ ޗައިނާގެ ގިން ހައިޔާންގަށެވެ. 2023 ވަނަ އަހަރު އޭނާ މި ރެކޯޑް ހެދީ ދެ މިނޓް .05.48 ސިކުންތުންނެވެ. އޭނާގެ ރެކޯޑް 17 އަހަރު ކުއްޖަކު މުގުރާލިއިރު މި ފަހަރުގެ ގޭމްސްގައި ހައިޔާންގް ވާދަ ނުކުރެ އެވެ.
ރެކޯޑް ހެދި އޮހާޝީ ވަނީ 100 މީޓަރު ބްރެސްޓްރޯކްގެ ރަންމެޑަލް ވެސް ހޯދައިފަ އެވެ.
"އަހަރެންގެ ޓާގެޓަކީ އަބަދުވެސް މި ރެކޯޑް މިގުރާލުން. އަދި އެކަން ކުރެވުމުން ވަރަށް ބޮޑަށް އުފާ ވެއްޖެ،" އޮހާޝީ ބުންޏެވެ.
އޭނާ ބުނީ މި ކާމިޔާބީއާ ހަމައަށް ދެވުނީ ވަރަށް ގިނަ މީހުންގެ މަސައްކަތުން ކަމަށާއި އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
"އަހަރެން އެ ހުރިހާ އެންމެން ކުރި މަސައްކަތަށް ވެސް ޝުކުރު އަދާ ކުރަން. މިއީ ވަރަށް ގިނަ މީހުންގެ ހިތްވަރު ދިނުމާއި އެ މީހުންގެ މަސައްކަތް،" އޮހާޝީ ބުންޏެވެ.
އޭނާ 200 މީޓަރުގެ ރޭސް ނިންމީ ދެ ވަނަ އަށް ދިޔަ ކުރިގިސްތާނުގެ ފެތުންތެރިޔާ ޑެނިސް ޕެޓްރަޝޯވް އަށް ވުރެ 2.84 ސިކުންތު އަވަހަށެވެ.
"އަހަރެންގެ ދެން އޮތް ޓާގެޓަކީ އަންނަ އަހަރު އޮންނަ ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދުން. އޭގެ ފަހުން އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުން،" ޝިން ބުންޏެވެ.
މި މަހުގެ 19 އިން އަންނަ މަހުގެ ތިނަކަށް ކުރިއަށްދާ އޭޝިއަން ގޭމްސްގެ މެޑަލް ޓޭބަލްގެ ކުރީގައި މިވަގުތު ތިބީ ވެސް ޗައިނާ އާއި ޖަޕާނެވެ.