ދިވެހިންނަށް ވިޔަފާރީގެ ފަހި މާހައުލެ ހޯދައި ދިނުމަކީ އައު ފޮރިން އިންވެސްޓްމެންޓާއި ބެހޭ ޤާނޫނުގެ އެއް މަޤްޞަދެވެ. 2024 ވަނަ އަހަރު ތަސްދީޤު ކުރެވުނު އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނު ދަށުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަހި ފުރުޞަތެއް ދޭއިރު، ދިވެހިންނަށް ހަމަހަމަކަމާއެކު ރާއްޖޭގައި ވިޔަފާރި ކުރެވޭނެ މާހުލެއްވެސް ޔަޤީންކޮށްދެއެވެ.
ފޮރިން އިންވެސްޓްމެންޓް ޤާނޫނު ދަށުން އިޤްތިޞާދީ ވުޒާރާއިން މިދިޔަ އަހަރު ވަނީ ދިވެހިރާއްޖޭގައި އިންވެސްޓްކޮށް ހަރަކާތްތެރިވެވޭނެ ވިޔަފާރީގެ ދައިރާތައް ކަނޑައަޅައި އައު ޝަރުތުތައް ހިމެނޭ ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސް ޝާޢިއުކޮށްފައެވެ. ބޭރުގެ ވިޔަފާރިތަކަށް ކަށަވަރުކޮށްދިން ރައްކާތެރިކަމުގެ އިތުރަށް ދިވެހިންނަށް ޙާއްސަ ދައިރާތައް އިތުރަށް ކަނޑައެޅިގެން ދިއުމަކީ މި އުސޫލުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެކެވެ.
މި އުސޫލުގެ ދަށުން އަންނަ މަހުގެ 8 ވަނަ ދުވަހު ދެ ދައިރާއެއް ދިވެހިންނަށް އެއްކޮށް ހާއްސަވެގެން ދާނެއެވެ. އަދި ދިވެހިންނަށް ނޫން އެހެން ފަރާތްތަކަށް މިދެ ދައިރާ އެއްކޮށް ބަންދުވެގެން ދެއެވެ. އެއީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދައިރާ އަދި އޭވިއޭޝަން ދައިރާގެ އޭޖެންޓުންގެ ވިޔަފާރީގެ ދައިރާއެވެ. އޭވިއޭޝަން ދައިރާގައި ހަރަކާތްތެރިވާ ކާގޯ ސޭލްސް އޭޖެންޓުންނާއި ޖެނެރަލް ސޭލްސް އޭޖެންޓުންނާއި އަދި ޕަސެންޖަރ ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް އަންނަ މަހުން ފެށިގެން ވިޔަފާރިކުރުން ހުއްޓާލަން ޖެހޭނެއެވެ. މީގެ އިތުރުން އާންމު މުދާ ވިއްކުމުގައި އެތެރެކޮށް ވިއްކާ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތައްވެސް ވިޔަފާރި ހުއްޓާލަން ޖެހޭނެއެވެ.
އިޤްތިޞާދީ ވުޒާރައިން ވަނީ މިހާތަނަށް މި ދައިރާތައް ހިމެނޭހެން ދިވެހިންނަށް ހާއްސަ ކޮށްފައިވާ ވިޔަފާރީގެ ދައިރާގައި ހަރަކާތްތެރިވާ 28 ކުންފުންޏެއް އުވާލާފައެވެ. އަދި ކުންފުނިތަކަށް ވިޔަފާރި ހުއްޓާލުމަށް ނުވަތަ އެހެން ދައިރާތަކަށް ބަދަލުވުމަށް އިޚްތިޔާރު ކުރާނަމަ އެކަން ފަހިކޮށްދިނުމަށް ކުންފުނިތަކަށް ގުޅައިގެން އެކަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވިޔަފާރީގެ ދައިރާ ބަދަލުކުރުމަށް ނުވަތަ ވިޔަފާރި ހުއްޓާލުމުގެ ކަންކަން އެކި ދައިރާތަކުގައި ކުރިއަށް ގެންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން އިންވެސްޓްމެންޓަށާއި އެހެނިހެން ކަންކަމަށް ބަލާ ދައިރާތަކުގައި މުއްދަތު ދޭ މިންވަރު ތަފާތުކޮށްފައިވެއެވެ. މިއީ ވިޔަފާރިތަކަށް ވީހާވެސް އިންސާފުވެރި ގޮތަކަށް މަރުހަލާތަށް ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށް ގެނައި ބަދަލެކެވެ. މީގެ އިތުރުން ދިވެހިންނާއި ގުޅިގެން ވިޔަފާރީ ހިންގަން ޖެހޭ ދައިރާތަކުގައި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް އެގޮތަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދައިރާތަކުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ އަލަށް ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދައިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނޫނީ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަ ކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. މި ދާއިރާތަކަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ބާރުވެރިކަން ހުރި ދާއިރާތައްކަން އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.