ޚަބަރު

"ނޭޕާލުގެ ފެންބޮޑުވުމުގެ ކާރިސާއަކީ ދުނިޔެއަށް ލިބުނު ނުރައްކަލުގެ އިންޒާރެއް"


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވައި، މިދިޔަ މަހު ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަކީ މުޅި ދުނިޔެއަށް ލިބުނު ވަރުގަދަ އިންޒާރެއްގެ ގޮތުގައި އެ ޤައުމުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ސިފަކުރައްވައިފިއެވެ.

ބޮޑުވަޒީރު ޝާހު މިހެން ވިދާޅުވީ، އެމެރިކާގެ ނިއުޔޯކްގައި ބޭއްވުނު އދގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.

ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އޮގަސްޓް މަހު ހިނގައިދިޔަ މި ހިތާމަވެރި ހާދިސާއަކީ ހަމައެކަނި އެ ސަރަޙައްދަށް ޚާއްޞަ ކަމެއް ނޫނެވެ. އަދި ދުނިޔޭގެ ލީޑަރުންނާ މުޚާޠަބު ކުރައްވައި އޭނާ ސުވާލު އުފެއްދެވީ، އެ އިންޒާރުގެ އަޑު ދުނިޔޭގެ ވެރިންނަށް ޙަޤީޤަތުގައިވެސް އިވިވަޑައިގެންފިތޯއެވެ.

މީގެއިތުރުން، ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޙައްޤުގައި، މިފަދަ އިންޒާރުތަކަށް އެކަށީގެންވާ އަވަސް މިނެއްގައި ޢަމަލީ ސިފަ ގެނައުމުގައި ސިޔާސީ ލީޑަރުން ފަސްޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ހިމާލަޔާ ސަރަޙައްދުގެ ގަނޑުފެން ފަރުބަދައެއް ވިރިގެން ތިރީގައި އޮތް ވާދީއަކަށް ވެއްޓުމާ ގުޅިގެން، ނޭޕާލްގެ އުތުރަށާއި ޗައިނާ އަދި ޓިބެޓް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގެ ސަރަޙައްދުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަދުވެގެން 1,453 މީހުން ވަނީ މަރުވެފައެވެ.

ނޭޕާލްގެ ޤައުމީ ކާރިސާތަކާބެހޭ އިދާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި 13,795 މީހުން ސަލާމަތް ކުރެވުނު ނަމަވެސް، 5,500 އަށްވުރެ ގިނަ މީހުން އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ވޯލްޑް ވެދަރ އެޓްރިބިއުޝަން (ޑަބްލިއުޑަބްލިއުއޭ) ގްރޫޕުގެ ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި، މިއީ ހަމައެކަނި ވަގުތީ މޫސުމީ މައްސަލައެއް ނޫނެވެ. މިއީ ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި، ގަނޑުފެން ފަރުބަދަތައް ވިރިގެން ދިޔުމުގެ އިތުރުން، ބިމުގެ ޖިއޮލޮޖިކަލް ނާޒުކުކަމާ ގުޅިގެން އުފެދުނު ވަރަށް ނުރައްކާތެރި، ގުޅިލާމެހިފައިވާ ކާރިސާއެކެވެ.

ބޮޑުވަޒީރު ޝާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ އެކަމަށް އެންމެ ކުޑަކޮށް ޒިންމާވާންޖެހޭ ޤައުމުތަކަށެވެ. އެގޮތުން، ދުނިޔެ ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރުމުގައި ނޭޕާލްގެ ޙިއްޞާއަކީ އެންމެ 0.1 އިންސައްތައަށް ވުރެވެސް ކުޑަ މިންވަރެކެވެ. އަދި ނޭޕާލްގެ ކަރަންޓުގެ 99 އިންސައްތަ އުފައްދަނީ ތިމާވެއްޓާ ރައްޓެހި ފެނުގެ ހަކަތައިން ކަމަށްވާއިރު، މި ކާރިސާގައި އެތައް މަސައްކަތްތެރިންނެއް ވަނީ ފެނުން ކަރަންޓު އުފައްދާ ކާރުޚާނާތަކުގެ ތެރޭގައި ތާށިވެފައެވެ.

"އަޅުގަނޑުމެންގެ ގަނޑުފެން ފަރުބަދަތައް ދަނީ ވިރި ކުޑަވަމުން. ފަރުބަދަތަކުގެ އޮނިގަނޑު ދަނީ ނުރައްކަލަށް ހުށަހެޅެމުން. އަދި ކޯރުތަކުގެ އޮއިވަރު ލަފާކުރަން ދަތިވެ، ކޮންމެ ބޮޑު ކާރިސާއަކުން އެތައް އަހަރެއްގެ ތަރައްޤީ ފަހަތަށް ޖައްސާލައި،" އޭނާ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ނޭޕާލުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އޭނާ ގޮވާލެއްވިއެވެ. މީގެއިތުރުން، މިފަދަ ކާރިސާތަކުން ރައްކާތެރިވުމުގެ ގޮތުން ނޭޕާލާއި، އިންޑިއާ އަދި ޗައިނާ ގުޅިގެން 'ހިމާލަޔާ ކްލައިމެޓް ރެސިލިއަންސް މެކޭނިޒަމް' އެއް ޤާއިމުކުރުމަށް ޝާހު ހުށަހެޅުއްވިއެވެ. މި ނިޒާމުގެ ދަށުން ސެޓެލައިޓް މަޢުލޫމާތު ބަދަލުކުރުމާއި، ގަނޑުފެން ފަރުބަދަތަކުގެ ވަށައިގެންވާ ކުޅިތައް މޮނިޓަރކުރުމުގެ އިތުރުން، ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އދ.ގެ 'ލޮސް އެންޑް ޑެމޭޖް ފަންޑު' ގެ ދަށުން އެދެވެން އޮތް އެންމެ މަތީ ޢަދަދު ކަމަށްވާ 20 މިލިއަން ޑޮލަރު ހޯދުމަށް ނޭޕާލުން ވަނީ ހުށަހަޅައިފައެވެ. 2022 ވަނަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމަށްފަހު އުފެއްދި މި ފަންޑުން މިހާތަނަށް އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާތީ، މި ފަންޑުގެ އިތުބާރު ކަށަވަރުކުރުމަށްޓަކައި ނޭޕާލްގެ މި މައްސަލައަކީ ވަރަށް މުހިންމު އިމްތިޙާނެއް ކަމަށް މާހިރުން ދެކެއެވެ.

މި ހިތާމަވެރި ޙާލަތުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ ސަރުކާރުން ވަނީ މި ހަފުތާގެ ކުރީކޮޅު ނޭޕާލަށް އިތުރު 31 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދިނުމަށް ވަޢުދުވެފައެވެ.