ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް 1 ގައި ރޭ ތުރުކިޔޭ އާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވެއްޖެއެވެ.
ތުރުކިޔޭގައި ކުޅުނު މި މެޗުގެ ގިނައިރު ފްރާންސް އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެ ޓީމަށްވެސް ފުރުސަތުތައް ތަނަވަސް ކުރެވިފައިވަނީ ދާދި އެއްވަރަކަށެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ދިން ޕާހަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް އެމްބާޕޭ ޖަހައިދިން 67 ވަނަ ލަނޑެވެ.
ނަމަވެސް އެމްބާޕޭ މި ލަނޑު ޖެހިތާ ފަސްވަނަ މިނިޓުގައި އޭނާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފްރާންސްގެ ކޯޗު ޒިނެޑީން ޒިދާން ވަނީ އޭނާ ބަދަލުކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނެފައިވަނީ އެމްބާޕޭއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އަދި ފްރާންސް އިން ކުރިއަށް އޮތް މެޗުތަކުގައި އޭނާ ނުކުޅޭނެ ކަމަށެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ތުރުކިޔޭގެ ގޯލުކީޕަރު ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ފްރާންސްގެ ކޯޗު ކަމާއި ޒިދާން ހަވާލުވެފައިވަނީ އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި މި އަހަރު ނިމިގެންދިޔަ ފީފާ ވޯލްޑްކަޕަށްފަހު ޑިޑިއޭ ޑިޝޯމްޕް އެ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ޒިދާން ގައުމީ ޓީމަކާއި ފުރަތަމަ ފަހަރަށް ހަވާލުވި ނަމަވެސް އޭނާ ވަނީ ސްޕެއިން ރެއާލް މެޑްރިޑަށް ކޯޗު ކޮށްދީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ލަލީގާ ދެ ފަހަރު އޭނާގެ ކޯޗު ކަމުގައި ރެއާލް މެޑްރިޑްއިން ވަނީ ހޯދާފައެވެ.