ޚަބަރު

ސަރުކާރުން މިހާތަނަށް 106 ކަނދުފަތި ޤާއިމުކޮށްފި


  • 52 ދޮށީ ކަނދުފައްޗާއި 54 ވަދު ކަނދުފަތި

  • ފެބުރުއަރީމަހުގެ ނިޔަލަށް ކަނދުފަތީގެ ވިއުގަ ގާއިމުކުރުމުގެ މަސައްކަތް ނިމޭނެ

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނދުފަތިތައް ޤާއިމުކޮށް، ހަލާކުވެފައިވާ ކަނދުފަތިތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތްތަކެކެވެ.

މި މަޝްރޫޢުގެ ދަށުން، މިހާތަނަށް މުޅި ރާއްޖޭގައި 106 ކަނދުފަތި ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ 52 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ 54 ވަދު ކަނދުފައްޗެވެ.

މި ސަރުކާރުން މިހާތަނަށް ޤާއިމުކުރި ކަނދުފަތިތަކުގެ ތެރޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ ދޮށީ ކަނދުފަތީގެ އިތުރުން، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ ވަދު ކަނދުފަތިތައް ހިމެނެއެވެ. އެ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެކެވެ. މިދިޔަ އަހަރު އެކަނިވެސް މި ސަރުކާރުން ވަނީ 44 ވަދު ކަނދުފައްޗެއް އަޅާފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިމަހުގެ ތެރޭގައިވެސް ރާއްޖޭގެ އިތުރު 7 ސަރަހައްދެއްގައި ކަނދުފަތި ޤާއިމުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދޮށީ ކަނދުފައްޗާއި، 2 ވަދު ކަނދުފައްޗެވެ. ދޮށީ ކަނދުފަތިތައް އަޅާފައިވަނީ ގއ. ދާންދޫ އިރުން 16 މޭލު ބޭރުގައި، ގދ. ގައްދޫ ދެކުނުން 14 މޭލު ބޭރުގައި، ސ. ވިލިނގިލީ އިރުން 15 މޭލު ބޭރުގައި އަދި މުލަކު އިރު ދެކުނުން 13 މޭލު ބޭރުގައެވެ. އަދި ވަދު ކަނދުފަތި އަޅާފައިވަނީ ޏ. ފުވައްމުލަކު އިރުން 10 މޭލު ބޭރުގައެވެ.

ކަނދުފައްޗަކީ މަސްވެރިންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވާތީ، ކަނދުފަތި ކަނޑައިގެން ދިއުމުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

އޮއިވަރާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއްވެސް ވަނީ ގެނެސްފައެވެ.

ރާއްޖޭގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 40 އަހަރުވީ ބާ ފަރުމާގެ ބަދަލުގައި، މި އައު ޑިޒައިނާއެކު ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، މުޅި ރާއްޖޭގައި ވަދު ކަނދުފަތީގެ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.