ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާ މި ދަނޑިވަޅުގައި އެ ޤައުމުން މުޅި ޤައުމަށް އަމާޒުކޮށް ހިމަބިހި އަދި ރުބެއްލާ ވެކްސިން ދިނުމުގެ ޚާއްޞަ ކެންޕޭނެއް ފަށައިފިއެވެ.
އެ ކެންޕޭނުގެ ދަށުން ވެކްސިން ޖަހާފައި ނުވާ 3.4 މިލިއަން ކުޑަކުދިންނަށް ވެކްސިން ދިނުމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެއް މަަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެންޕޭނުގެ ދަށުން އުމުރުން 6 މަހަާއި 59 މަހާ ދެމެދުގެ އުމުރުފުރައިގެ ކުޑަކުދިންނަށް ވެކްސިން ދޭނެއެވެ. އޭގެ ތެރޭގައި ހިމަބިހި ފެތުރޭތީ ވެކްސިން ދޭ މުއްދަތު އަވަސްކުރުމާ ގުޅިގެން ކުރިން ވެކްސިން ޖަހާފައި ނުވާ ކުދިން ވެސް ހިމެނެއެވެ. މީގެ ކުރިން އެ ވެކްސިން ދެމުން ދިޔައީ 9 މަހުން ފެށިގެންނެވެ. ނަމަވެސް ހަ މަސް ފުރުމުން ވެކްސިން ޖަހަން ޖެހޭ ގޮތަށް މިހާރު ވަނީ ބަދަލު ގެނަސްފައެވެ.
ބަންގްލަދޭޝްގައި ހަލުވި ކަމާއެކު ހިމަބިހި ފެތުރުމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. އެ ޤައުމުގައި މޫސުމީ ޑެންގީ ހުން ފެތުރެމުން ދާތީ ވެސް ޞިއްޙީ ނިޒާމަށް އޮތް ގޮންޖެހުންތައް ވަނީ އިތުރުވެފައެވެ. މިދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްގައި 187،000 މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވެއެވެ. އަދި 21،099 މީހުންނަށް ބަލިޖެހިފައިވާ ކަމަށް ވަނީ ކަށަވަރުވެފައެވެ. ހިމަބިިހިއާ ގުޅިގެން 165،000އަށްވުރެ ގިނަ މީހުން ހަސްފަތާލުތަކުގައި އެނދުމަތިކޮށް ފަރުވާ ދީފައިވާ ކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީއިން ބުނީ ބަންގްލަދޭޝްގައި ހިމަބިހި ޖެހިފައިވާ ނުވަތަ ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 1،087 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމަބިހި ޖެހިފައިވަާ ކަމަށް ލެބޯޓްރީއިން ކަށަަވަރުކޮށްދީފައިވާ 101 ކޭސް ހިމެނެއެވެ.
ޞިއްޙީ މާހިރުން ޤަބޫލުކުރައްވައި ގޮތުގައި ބަންގްލަދޭޝްގައި މިހާ ހަލުވި ކަމާއެކު ހިމަބިހި ފެތުރެން މެދުވެރިވީ 2024ވަނަ އަހަރާއި 2025ވަނަ އަހަރުގެ ވެކްސިން ޕްރޮގްރާމް ރަނގަޅަށް ހިންގިފައި ނުވާތީއެވެ. އެ ދުވަސްވަރު ސިޔާސީ މައްސަލަތައް ބޮޑުވުމާއި، ވެކްސިން ހޯދާ އުސޫލަށް ގެނައި ބަދަލުތަކާއި، ބައެއް ވެކްސިން ޕްރޮގްރާމްތައް ލަސްކުރުމުން ނުވަތަ ކެންސަލް ކުރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ކުދިންނަށް ވެކްސިނުން ލިބެން ޖެހޭ ރައްކާތެރިކަން ނުލިބި ވަނީ ދޫވެފައެވެ.
މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ބަންގްލަދޭޝްއިން ވަނީ ކުއްލި ކެންޕޭންތަކުގެ ދަށުން މިހާތަަނަށް 20 މިލިއަނެއްހާ ކުދިންނަށް ހިމަބިހި ވެކްސިން ދީފައެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވިދާޅުވަނީ އަދިވެސް ވެކްސިނުން ލިބޭ ރައްކާތެރިކަން ލިބިފައި ނުވާ ގިނަ ޢަދަދެއްގެ ކުދިން ތިބި ކަމަށެވެ. ހަލުވި ކަމާއެކު ބަލި ފެތުރުން މަޑުޖައްސައި ކުރިއަށް އޮތް ތަނުގައި ބަލި ފެތުރުން ހުއްޓުވުމަށް ވެކްސިން ޖަހާފައި ނުވާ ހުރިހާ ކުދިންނަށް ވެކްސިން ދިނުން ކޮންމެހެން މުހިންމު ކަމަށް ތަޖުރިބާާކާރުން ވިދާޅުވެއެވެ.