އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ މިނިސްޓަރ އޮފް ރޯޑް ޓްރާންސްޕޯޓް ހައިވޭ އެންޑް ޝިޕިންގ ނިޓިން ގޮޑްކޮރީއާ ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ ރޯޑް ޓްރާންސްޕޯޓް ހައިވޭ އެންޑް ޝިޕިންގ މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދަތުރުފަތުރުގެ ދާއިރާއާ އާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިނިސްޓަރ ސައީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ވަނީ ސީއެންބީސީ ޗެނަލްގެ ހާއްސަ ލައިވް އިވެންޓެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމިންގެ އިޤްތިސާދީ އެޖެންޑާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ އިޤްތިސާދު ހަރުދަނާކުރުމަށްޓަކައި ރައީސް ޔާމިންގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ބެހޭ މައުލޫމާތު މިނިސްޓަރ ހިއްސާކުރެއްވިއެވެ.
މިނިސްޓަރ މުހައްމަދު ސައީދު އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން އެޤައުމުގެ ކަމާއި ބެހޭ އެކި ދާއިރާތަކުގެ ބޭފުޅުންނާއިއެކު މަޝްވަރާތައް ކުރައްވާފައިވެއެވެ. މިދަތުރުފުޅުގައި މިނިސްޓަރ މުހައްމަދު ސައީދު ވަނީ އިންޑިއާގެ ކޮމާސް މިނިސްޓަރ ނިރްމަލާ ސިތްރަމަން އާއި ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ، އެފްއައިސީސީއައިގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.