ޚަބަރު

އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ޤަވާއިދު އެކުލަވާލައިފި


  • ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން

  • ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރަން 100،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ގޮތަށް ހަމަޖައްސައި ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމުގެ ޤަވާއިދު އެކުލަވާލައިފިއެވެ.

މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން ހެދި "ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވާއިދު"ގައި ވަނީ ޔުނިވަރސިޓީއަކަށް ބަދަލުވާނެ މުއްދަތާއި އެ ތަނުގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައެވެ.

މި ޤަވާއިދުގެ މަޤުޞަދަކީ ރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓްރީކުރުމާއި ޔުނިވަރސިޓީ ހިންގުމާއި ޔުނިވަރސިޓީ އުވާލުމާގުޅޭ ކަންކަމުގައި އެއް މިންގަނޑައެއްގެ ދަށުން ޢަމަލުކުރާނެ އުޞޫލްތައް ކަނޑައެޅުމާއި ޔުނިވަރސިޓީތަކުގެ މިންގަނޑުތައް ބަޔާންކުރުމެވެ.

ޤަވާއިދުގައިވާ ގޮތުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުންނެވެ. އަދި ބޭރު ޤައުމެއްގައި އެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވުގެ އިތުރުން 3 ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް ހިންގުމަކީވެސް ޝަރުތެކެވެ.

މިކޯސްތައް ހިންގާ ކަމަށް ބަލާނީ މެދުކެނޑުމެއް ނެތި 5 އަހަރަށް ހިންގުމުންނެވެ. ޑިގްރީ އަދި މާސްޓާސް ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު މަދުވެގެން 1000 އަށް އަރަންޖެހެއެވެ. އިންޓަނޭޝަނަލް ޔުނިވަރސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުމުގެ އިތުރުން ބައިނަލްއަޤުވާމީ ޔުނިވަރސިޓީތައް ތަމްސީލުކުރާ ޖަމްޢިއްޔާގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވެސް ވާންޖެހެއެވެ.

ޤަވާއިދުގައި ވާގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖްއަކަށްވުމުގެ އިތުރުން އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ %10 ޕީއެޗްޑީ ނުވަތަ ޤައުމީ އޮނިގަނޑުގެ ލެވެލް 10 ހާސިލްކޮށްފައިވާ މުވައްޒަފުން ތިބެންޖެހޭނެކަމަށްވެސް ޤަވާއިދުގައިވެއެވެ.

މި ޤަވާއިދުގައި ވަނީ ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއް ގޮތުގައި ރަޖިސްޓްރީކުރުމުގެ ޝަރުތައްވެސް ހިމަނާފައެވެ.

ޔުނިވަރސިޓީއެއް ގޮތަށް ރަޖިސްޓްރީކުރަން ޕްރޮޕޯޒަލް ހުށަހަޅާނީ އެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާއްސަކުރާ ޕޯޓަލަށެެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާތާ 2 ހަފުތާގެ ތެރޭގައި އެޕްލިކޭޝަން ބަލައިގަތްކަން ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެއެވެ. އެ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރަން އެ ވުޒާރާގެ 5 ބޭފުޅުންގެ ފަންނީ ކޮމިޓީއެއް އެކުލަވާލަންޖެހެއެވެ.

މި ކޮމިޓީގައި ހިމެނޭނީ މަތީ ތަޢުލީމުގެ ދާއިރާގެ ދެ ތަޖުރިބާކާރުންނާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ އިސް މުވައްޒަފަކާއި އެމްކިއުއޭގެ އިސް މުވައްޒަފެކެވެ. އަދި ފައިނޭންސް ދާއިރާގެ މެމްބަރެއްވެސް ކޮމިޓީގައި ހިމަނަންޖެހެއެވެ. ކޮމިޓީގައި 5 މެމްބަރުން ތިބުމަށް ކަނޑައެޅިނަމަވެސް އިތުރު ފަންނީ ފަރާތްތައް ބޭނުންވާނަމަ އިތުރު މެންބަރުން އައްޔަންކުރުމުގެ އިޚުތިޔާރު މަތީ ތަޢުލީމާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ.

ޕްރޮޕޯޒަލް ބަލައިގަންނަތާ 3 މަސް ދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށް އެކަމާމެދު ގޮތެއް ނިންމަން ޖެހެއެވެ. އަދި ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރަން 100،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. އެ ޔުނިވަރސިޓީގެ އިތުރު ކެމްޕަހާއި ލާނިން ސެންޓަރުތައް ރަޖިސްޓްރީ ކުރަން ވެސް ފީ ނަގާނެއެވެ.

އިތުރު ކެމްޕަހެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ކެމްޕަސް ހުރި އިމާރާތް ބަދަލުކުރުމަށް 15000 ރުފިޔާ ދައްކަން ޖެހޭއިރު ލަރނިން ސެންޓަރެއް ރަޖިސްޓަރ ކުރުމަށް 3000 ރުފިޔާ ފީގެ ގޮތުގައި ދައްކަންޖެހެއެވެ. އަދި އައުޓްރީޗް ސެންޓަރެއް ރަޖިސްޓްރީކުރުމަށް 2500 ރުފިޔާ ދައްކަންޖެހޭއިރު ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ގެންނަނަމަ 500 ރުފިޔާ ދައްކަންޖެހެއެވެ. ޤަވާއިދުގައި ވާގޮތުން ރަޖިސްޓަރީ ގެއްލިއްޖެނަމަ ރަޖިސްޓްރީ އައު ކުރުމަށް 2000 ރުފިޔާ ދައްކަންޖެހެއެވެ.

މި ޤަވާއިދުގައި ވަނީ ޔުނިވަރސިޓީއަކަށް ވުމުން 2 އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ޖެހޭނެ ކަމަށެވެ. އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ ފުރުޞަތު މިހަރު ފަހިކޮށްދީފައިވާއިރު ރާއްޖޭގައި މިވަގުތު ހިންގަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީއެވެ.