ޚަބަރު

ހުޅުމާލޭ ޓްރެކް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްގީ ކުރަނީ


  • ހުޅުމާލެ ޓްރެކްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ

  • މާލެ ޓްރެކްގެ ސިންތެޓިކްވެސް ބަދަލުކުރާނެ

ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ ސިންތެޓިކް ޓްރެކް ހަލާކުވެފައިވާ ކަމަށާއި، އެހެންވެ، ބައިނަލްއަގްވާމީ ސްޓޭންޑަޑްގެ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެޅިގެންދިޔަ ޓްރެކެކެވެ. އެކަމަކު ޓްރެކްގެ ސިންތެޓިކް ހަލާކުވެ، އެތުލީޓުންނަށް އޭގެ ސަބަބުން ގެއްލުންތަކެއް ވަމުން އަންނަކަން ކުޅިވަރާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހުޅުމާލޭގައި މިހާރު އެޅިފައިވާ ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިހާރު އޮތް ޓްރެކްގެ ބަދަލުގައި ދެން ގާއިމުކުރާ ޓްރެކް ވެގެންދާނީ ވޯލްޑް އެތުލެޓިކްސްއިން ގަބޫލުކުރާ ފެންވަރުގެ ޓްރެކަކަށް ކަމަށެވެ. އަދި އެ ޓްރެކްގެ މެޓީރިއަލް އެއްކޮށް ބަދަލުކޮށް އަލުން ޓްރެކް އެޅުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލީ ގޮތުން ފެށިގެންދާނެ ކަމަށެވެ. އަދި އަންނަ ޖަނަވަރީ މަހަށް ޓްރެކްގެ މަސައްކަތް ނިންމާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޓްރެކް ހަދަން މި ޖެހެނީ ވޯލްޑް އެތުލެޓިކްސް ގަބޫލުކުރާ ފެންވަރަށް. އަޅުގަނޑުމެންގެ އެތުލީޓުން ނެރޭ ނަތީޖާ ގަބޫލުކުރާ ފެންވަރަށް. ދެން އެގޮތުގެ މަތިން އަޅުގަނޑުމެން ސިންތެޓިކްގެ މެޓީރިއަލް އެއްކޮށް ބަދަލުކޮށް އިރާދަކުރެއްވިއްޔާ މުޅި އެއްކޮށް ބޭސް ނަގާ އަލުން ޓްރެކެއް އަޅަން މި ޖެހެނީ. އަދި އަޅުގަނޑުމެން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ހުޅުމާލެ ސިންތެޓިކް ޓްރެކްގެ އިތުރުން މާލެ ސިންތެޓިކް ޓްރެކްވެސް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.