ޚަބަރު

"ޤައުމު ބިނާކުރުމަށް މުދައްރިސުން ބޭނުންވާ އެއްބާރުލުން އަބަދުވެސް ލިބޭނެ"


  • މުދައްރިސުންގެ ދުޅަހެޔޮކަމާއި މަސައްކަތުގެ ވަގުތާއި ބުރަ ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭނެ

  • އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމު އުނގަންނައިދިނުމުގެ މާހައުލެއް ގާއިމުކުރުމަށް އިސްކަންދޭނެ

ޤައުމު ބިނާކުރުމުގައި މުދައްރިސުން ކުރައްވާ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން އަބަދުވެސް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުރިއަރައިގެން ދިއުމަށް ކޮންމެ ކުއްޖަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ މުދައްރިސުން ކަމަށެވެ. އެހެންވެ މި މުދައްރިސުންގެ ދުވަހުގައި އެފަދަ މުދައްރިސުން ޤައުމުގެ މުސަތަގުބަލު ބިނާ ކުރެއްވުމަށް ވެވަޑައިގަންނަވާ ގުރުބާނީ އާއި ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުވެރިވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުދައްރިސުން ޤައުމު ބިނާކުރުމުގައި އަދާކުރައްވާ މުހިންމު ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމަށް އެއްބާރުލުން ދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށެވެ. އެގޮތުން، މުދައްރިސުންނަށް ބޭނުންވާ އެއްބާރުލުން އަބަދުވެސް ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.


މުދައްރިސުންގެ ދުޅަހެޔޮކަމާއި މަސައްކަތުގެ ވަގުތާއި ބުރަ ކުޑަކޮށް، އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމު އުނގަންނައިދިނުމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތަޢުލީމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށްވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުދައްރިިސުންނަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ދަރިންނާއި ޤައުމު ކުރިއެރުވުމަށް އެޅޭ ބިންގާ ހަރުދަނާ ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންވެ މުދައްރިސުންގެ އަގުވަޒަންކޮށް، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތާ ހަމައަށް ވާސިލްވުމަށް އެހީތެރިވެދޭނެފަދަ މާހައުލެއް މުދައްރިސުންނަށް ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ.

އެންމެ ފުރަތަމަ ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ވަނަ އަހަރުއެވެ.