ޚަބަރު

"ސިޔާސީ ވާދަވެރިން ޖަލަށްލާ މަންޒަރެއް މިއަދަކު ނުފެނޭ"


  • ޕީއެންސީ ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެވަޑަގަތުމުން ހަމަޖެހުން އޮތްކަން އެނގޭ

  • މީގެ ކުރިން މުޒާހަރާ ކުރުމުން އެތައް ބަޔަކަށް ހުކުމްކޮށްފައިވޭ

ދިވެހިރާއްޖޭގައި މިހާރު ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތް ކަމަށާއި، މުޒާހަރާއެއް ކޮށްގެން ބަޔަކަށް ހުކުމް ނުކުރާ ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްއްޖެއެވެ.

ސަފީރު މަހުލޫފް ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުން މިކަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މަޙްލޫފް ވަނީ މީގެ ކުރީގެ ވެރިކަންތަކުގެ ފުރަތަމަ ތިން އަހަރަށް ބަލާއިރު، މިހާރު ރާއްޖޭގައި ސިޔާސީ ހަމަޖެހުން އޮތްކަން އެނގޭ ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ހަލަބޮލިކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ރަނގަޅަށް މެނޭޖްކުރައްވާފައިވާ ކަމަށް ސަފީރު ވިދާޅުވއިެވެ.

"ރައީސް އެކަން އެގެންދަވަނީ ވަރަށް ސްމޫތުކޮށް، ވަރަށް ގާތްކޮށް. މިސާލަކަށް ޕީއެންސީގެ ކޮންގްރެސް ފެށުނުރޭވެސް އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގެންނެވި. ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވި. މިދައްކަނީ ރައީސް ނަޝީދުގެ ވެރިކަން ކަމުނުދިޔަ ސަޕޯޓަރުންވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވި ވާހަކަ" ސަފީރު ވިދާޅުވިއެވެ.

ސަފީރު މަހްލޫފް ވަނީ ޕީއެންސީގެ ކޮންގްރެސް ދިޔަގޮތާއި ބަލާއިރު، އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ޕާޓީގެ މެންބަރުން ބޭރުގެ އެކި ފަރާތްތަކާއި ވެރިކަން ކުރާ ޕާޓީގެ މަންދޫބުން ތިއްބާ ކަންކޮށްފައިވާ ގޮތް ކުށްވެރިކުރައްވާފައެވެ. މިއަދު މިއޮތީ އެންމެން އެކައްޗެއް ކިޔައިގެން ވެރިކަމެއް ނިންމާލަން ޖެހޭ ހާލަތެއް ނޫންކަން ފާހަގަކުރައްވާ ސަފީރު ވަނީ އެ ހާލަތު އެގޮތަށް އޮތް ނަމަ ޕީއެންސީގެ ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ސިޔާސީ ހަމަޖެހުން އޮތްއިރު، މުޒާހަރާކުރުމުގެ ފަހި ފުރުސަތެއް ތަނަވަސްކޮށްދެވިފައިވާކަން ސަފީރު މަޙްލޫފް ފާހަގަކުރެއްވިއެވެ. އެގޮތުން މުޒާހަރާ ކުރާނެ އިތުރު ތަންތަން ހަމަޖައްސައިދީފައިވާކަން ފާހަކުރެއްވިއެވެ.

މީގެކުރިން ސިޔާސީ ހަރަކާތްތަކުން ޖަލައްވެސް ވަޑައިގަންނަވަންޖެހި ހުކުމްވެސް ކޮށްފައިވާ ފަރާތެއްގެ ހައިސީއްޔަތުން ސަފީރު ވިދާޅުވީ މީގެ ކުރިން މުޒާހަރާއަށް ނިކުންނަ މީހާއަށް ހުކުމްތައް ކުރަމުން ދިޔަނަމަވެސް މިއަދު އެކަން އެގޮތަށް ނުކުރާކަމަށެވެ.

"އެކަމަކު އަޅުގަނޑެއް އަދި އެއް ނުދެކެން ސިޔާސީ މީހަކު މުޒާހަރާކޮށްގެން ދައުވާކޮށްގެން ޖަލައް ލީތަނެއް. އެކަމަކު މުޒަހާރާކޮށްގެން ފުލުހެއް ގައިގަ ޖެހީމަ މައްސަލަ ބަލާނެ. ބަލަންޖެހޭނެ. ކޮންމެވެސް ހައްދެއް އޮންނަން ޖެހޭނެ. އެހެންވީމަ ވަރަށް ބޮޑަށް އެބަ މެނޭޖް ކުރޭ." ސަފީރު މަހްލޫފް ވިދާޅުވިއެވެ.

މީގެ ކުރިން މުޒާހަރާތަކުގައި އެތައް ސަތޭކަ މީހުންނެއް އެއްފަހަރާ ޖަލަށް ގެންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. ނަމަވެސް މިއަދު ސިޔާސީ ފަރާތްތަކުން އެކަންކަން ހަނދާންނައްތާލާފައިވާކަން ސަފީރު ވިދާޅުވިއެވެ. ސަފީރު މަޙްލޫފް ވަނީ، ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވި ދުވަހު ވިދާޅުވި ގޮތަށް ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރުނުކޮށް ކުރިއަށްގެންދަވާކަމަށް ވިދާޅުވެފައެވެ.