ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ ޖަޕާން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.
މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އަލްކަރާޒް މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި އަމިއްލަ ޤައުމުގެ ކުޅުންތެރިއެއް ކަމަށްވާ ހައުމޭ މުނާރު އާއި ބައްދަލުކުރި މެޗުން ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓުގައި ފަހެއް ހަތަރަކުން އަލްކަރާޒް ކުރީގައި އޮތް ނަމަވެސް ޖެހިގެން އައި ތިން ގޭމްގައި މާރަނގަޅަށް ނުކުޅެވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ފަހެއް ހަތަކުން މުނާރު އެސެޓު ކާމިޔާބު ކުރުމެވެ.
މިމެޗުގެ ދެވަނަ ސެޓުގެވެސް ކުރީކޮޅު އަލްކަރާޒްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް މާގިނައިރު ތަކެއް ނުވެ އަލްކަރާޒްވަނީ އޭނާގެ މޮޅު ކުޅުމަށް އެނބުރި އައިސް ދެވަނަ ސެޓު ހައެއް ތިނަކުން ކާމިޔާބު ކޮށް މިމެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. އަދި ތިންވަނަ ސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ. މިކާމިޔާބީ އާއެކު މިމުބާރާތުގެ ތަށި ދިފާއު ކުރުމުގެ ފުރުސަތު އަލްކަރާޒްއަށް ލިބިފައިވާއިރު ފައިނަލްގައި ބައްދަލުކުރާނީ ޗެކިއާގެ ޔީރީ ލެހެޗްކާ އާއެވެ.
މިއަހަރުގެ ސީޒަން ވެފައިވަނީ އަލްކަރާޒްއަށް ވަރަށް ގިނަ އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުނު ސީޒަނަކަށެވެ. މިގޮތުން ސީޒަން ވަރަށް ރަނގަޅަށް އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ފެށި ނަމަވެސް އޭގެ ދެމަސް ފަހުން އޭނާއަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާއި ދުރައް ދިޔަ ގޮތަށް އެނބުރި އާދެވުނީ އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންއަށެވެ. އެހެން ކަމުން މިސީޒަންގެ ވަރަށް ބޮޑު ބައެއް އޭނާއަށް ވަނީ އަނިޔާގެ ސަބަބުން ގެއްލިފައެވެ. އަދި ޔޫއެސް އޯޕަންގައި އޭނާ ކުއާޓަރ ފައިނަލާއި ހަމައަށް ދަތުރު ކުރުމާއެކު އަލްކަރާޒްގެ އެނބުރި އައުން ރަނގަޅު ކަމުގައި ގިނަ ބަޔަކު ފާހަގަ ކުރިއެވެ. އަދި އަލްކަރާޒްވެސް ހުރީ އޭނާގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެދު ހިތްހަމަ ޖެހިފައެވެ. އަދި އެއާއެކު އަލްކަރާޒް ވަނީ ވަރަށް ފަހުން ނިމިގެންދިޔަ ލެވަރ ކަޕް ޓީމް ޔޫރަޕަށް ކާމިޔާބު ކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިމުބާރާތުގެ ފައިނަލްގައި އަލްކަރާޒް އާއި ވާދަކުރާ ލެހެޗްކާ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި އަށް ވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ ވެލެންޓިން ވަޗެރޯ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ. ލެހެޗްކާ މިމުބާރާތުގެ ފައިނަލްގައި އަލްކަރާޒް އާއި ދެކޮޅަށް ނިކުންނަނީ އަހަރުގެ ފުރަތަމަ ތަށި ކާމިޔާބު ކުރުމުގެ އުންމީދާއެކުއެވެ.