ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުއްޖެއެވެ.
މަޖިލީހުގެ ގިނަ މެންބަރުން މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މި ބިލަކީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމުގެ މަޤުޞަދުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ބިލު ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވިދާޅުވީ ރާއްޖޭގެ ޤާނޫނީ ޢަދުލުގެ ނިޒާމު ޒަމާނުއްސުރެ ބައްޓަންވެފައި އޮތީ ކުށްކުރާ މީހުންނަށް ޖިސްމާނީގޮތުން އަދަބު ދެވޭ ގޮތަށް އެކަނި ކަމަށެވެ. ނަމަވެސް ބޮޑެތި ކުށްކުރާ މީހުން، އެ ކުށްކޮށްގެން ހޯދާ ފައިސާއިން ނަފާ ހޯދަމުންދާ ކަމަށާއި އެކަން ހުއްޓުވުން ކޮންމެހެން މުހިންމު ކަމަށެވެ.
"މި ބިލުގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅިފައިވާނެ. އިސްތިސްނާ ހާލަތުގައި ކުށް ސާބިތުވުމާ ނުލައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލު ތަޢާރަފުކޮށްފައިވާނެ. ކުށްކޮށްގެން ހޯދާ މުދަލުގެ މުއާމަލާތްކުރަން ނުވަތަ ތަސައްރަފުކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމަށް އުސޫލުތައް ކަނޑައެޅިފައިވާނެ." މެންބަރު ޢަލީ ފަޒާދު ވިދާޅުވިއެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން ވިދާޅުވީ ކުށްކޮށްގެން ހޯދާ މުދަލުން މުއްސަނދިކަން ހޯދުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލުގެ ސަބަބުން ނުޙައްގުން މުއްސަނދިކަން ހޯދުން ނިމުމަކަށްއައިސް ރާއްޖޭގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންފަދަ ބޮޑެތި ކުށްތައް ހުއްޓުވޭނެކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރައްޔިތުން ދާ އޮހޮރުވައިގެން ހޯދާ ފައިސާކޮޅު އަޅުގަނޑުމެން ވަކިބަޔަކު ބޭނުންވީމަ ބާރުގެ ބޭނުންކޮށްގެން އެ ބޭނުންކުރާ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ. އަޅުގަނޑުމެންނަށް މިފެންނަނީ މިފަދަ ބިލެއް މި މަޖިލީހަށް އައިސް ރާއްޖެއިން ކޮރަޕްޝަން މުޅިން ނައްތާލެވޭނެ ނިޒާމަކަށް މި ޤައުމު ބައްޓަންކުރެވިގެންދާތަން." މެންބަރު އިބްރާހިމް ޙުސައިން ވިދާޅުވިއެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ޤަނޫނީ އޮނިގަނޑެއް އެކުލަވާލެވިފައި ނުވަނީ އިޚްލާސްތެރިކަމާއެކު ކުރީ ސަރުކާރުތަކުގައި މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ. މިހާރު ޤާނޫނީ އޮނިގަނޑު އޮތްގޮތުން ކުށްކޮށްގެން ހޯދާ ފައިސާއިން މަންފާ ހޯދުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށާއި އައު ޤާނޫނާއެކު އެ ދޮރުތައް ބަންދުވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
"ރައްޔިތުންގެ ޙައްޤަކަށް އަރައިގަނެ ނުޙައްޤު ގޮތުގައި ހޯދާ ފައިސާ، މުދާ ބޭނުންކޮށްލަކޮށްލަ ތިބެން ޖާގަ ދީގެން އަޅުގަނޑުމެން މިހުރިހާ ދުވަހަތިބީ. އެ ފުރުޞަތު އެބަޖެހޭ ބަންދުކުރަން. މި ޤާނޫނާއެކު އިރާދަކުރެއްވިއްޔާ އެ ފުރުޞަތު ބަންދުވެގެންދާނެ. ވައްކަން، ކޮރަޕްޝަން އަދި އެނޫންވެސް ނުޙައްޤު ގޮތްގޮތަށް ފައިސާ ހޯދައިގެން، ކުށްކޮށްގެން ހޯދާފައިހުރި ފައިސާ ނުވަތަ މުދާ ނެގޭނެ މަގު ޤާނޫނީ އޮނިގަނޑެއް އިރާދަކުރެއްވިއްޔާ ތައްޔާރުކުރެވިގެން މިދަނީ މި ޤާނޫނުގެ ތެރެއިން." މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވިއެވެ.
މި ބިލަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ މިއީ މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ މިފަދަ ޤާނޫނެއް ތަޢާރަފު ކުރި ނަމަވެސް ތަންފީޒުކުރެވޭނެކަން ކަށަވަރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވީ މިފަދަ ޤާނޫނުތަކާއެކު ފަނޑިޔާރުގެވެސް އިސްލާހުކުރެވެންވާނެ ކަމަށެވެ.
"ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭގޮތުން ވަކި އިޖުރާއަތްތަކެއް ޤާއިމުކުރަން މިފަދަ ބިލެއް ހުށަހެޅިގެންދާކަމީ އަޅުގަނޑު އުފާކުރާ ކަމެއް. އެހެންނަމަވެސް ޢިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގައި ކަމެއް ތަންފީޒުނުވެގެން މިއުޅެނީކީއެއް ވައްކަން ކޮށްގެން ހޯދާފައި އޮތް މުދަލެއް ދައުލަތަށް ނުނެގިގެން މިއުޅެނީކީއެއް ޤާނޫނެއް ނެތިގެނެއް ނޫން. މީގެ ކުރިންވެސް މި މަޖިލީހުގައި، 18ވަނަ މަޖިލީހުގައިވެސް 19ވަނަ މަޖިލީހުގައިވެސް އަދި 20ވަނަ މަޖިލީހުގައި މިފަދަ އެކި ބިލުތައް ފާސްކޮށްފައި އެބަހުރި. އެހެންނަމަވެސް މިއުޅެނީ އެ ވިލް ނެތީމަ." މެންބަރު މީކާއިލް ވިދާޅުވިއެވެ.
ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގައިވާގޮތުން ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭނެއެވެ. ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިންއާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި، މީހަކު މެރުމާއި މަސްތުވާތަކެއްޗާއި، މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީކުށާއި، ކައުންޓަރފިޓްކުރުމާއި، ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ.
މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި، ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާޢީ ބޮޑު ކުށެއް ކަމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައިވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.