ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލަ ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއު، ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ ހުސައިން ޝިފާއު ގޭބަންދަށް ބަދަލުކުރީ އިސޫލާއި އެއްގޮތަށްކަމަށެވެ. ގައިދީއަކު ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އުސޫލުގެ ތެރެއިން އެ ގައިދީއެއްގެ ބޭސްފަރުވާއަށް ދޭން ޖެހޭ ކަމަށާއި، އެނާ ގޭބަންދަށް ބަަދަލުކުރީ ބޭސްފަރުވާގެ ބޭނުމަށް 1 މަސްދުވަހުގެ މުއްދަތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެފަދަ މީހުން ފުރިހަމައަށް މޮނިޓާ ކުރާނެ ކަމުގެ ޔަގީންކަން ދެން. މިފަދަ އެއްވެސް ފަރާތެއް ގޭބަންދުގައި ތިބޭއިރު އަަޅުގަނޑުމެން މޮނިޓާކުރާނަން އެ މީހެއްގެ ފަރާތުން މުޖްތަމައުއަށް އެއްވެސް ނުރައްކަލެއް ނުވާނެކަން. އަދި އޭނާއަށް ދީފައިވާ ކޮންޑިޝަންތަކާއި ހިލާފުވެއްޖެނަމަ ވަގުތުން ޖަލަށް ގެންދާނެ" ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ޝިފާއު އަކީ ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގެ 23 މައްސަލައެއް ސާބިތުވުމާ ގުޅިގެން 109 އަހަރަށް ޖަލަށްލާ، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ މީހެކެވެ.
އޭނާގެ މައްޗަށް ސާބިތުވި، މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ރުފިޔާއެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް އޭނާގެ މައްޗަށް އަމުރުކޮށްފައިވެއެވެ.