ޔަހޫދީންގެ އަނިޔާތަކަށް ކެތްނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސްއިން ޔަހޫދީ ދައުލަތަށް ދިން ޖިހާދީ ހަމަލާ ވެގެން ދިޔައީ ޔަހޫދީގް ތާރީޚުގެ އައު ބާބެއްގެ ފެށުމެއް ކަމަށް އެ މީހުން ޤަބޫލުކުރެެއެވެ. އޮކްޓޯބަރު 7ގެ ކުރިން އެތައް ޒަމާނެއް ވަންދެން ހިނގާފައިވާ އެއްވެސް ކަމަކީ ހަމާސްއިން އެ ހަމަލާ ދިނުމަށް މަޖުބޫރުވި ސަބަބެއް ކަމުގައި ޔަހޫދީން ނުދެކެވެއެވެ. ނަމަވެސް އެ ހަމަލާއަކީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ފާއިތުވެފައި މި ވާ ތިން އަހަރު ދުވަހުގެ ތެރޭގައި ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް ދީފައިވާ އަނިޔާތައް ކުށެއް ނެތް ބަޔަކަށް ހައްޤުވާ ސަބަބެއް ކަމަށް ޔަހޫދީން ޤަބޫލުކުރެއެވެ.
ތުރުކީވިލާތުގެ އިސްތަންބޫލުގެ ޔުނިވަސިޓީއެއްގައި ޤާނޫނު ކިޔަވައިދެއްވާ ނާސިރު ޤަދްރީ ވިދާޅުވީ 7 އޮކްޓޯބަރުގައި ޙަމާސުން ދިން ހަމަލާއަކީ އަމިއްލަ ދިފާޢުގެ ނަމުގައި ބަޔަކަށް ހަމަލާދީ ބަޔާން ނުކުރެވޭވަރުގެ އަނިޔާ ދިނުމަށް ލިބޭ ހުއްޖަތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާން ހިންގުމަށް އުޒުރެއްގެ ގޮތުގައި ޔަހޫދީން ދައްކާ ޤާނޫނީ އޮނިގަނޑަކީ ބައިނަލްއަޤްވާމީ ޢަދުލްއިންސާފުގެ ކޯޓު، އައިސީޖޭއިން މީގެ ކުރިން ބަލައިގަތުމަށް ދެކޮޅު ހަދާފައިވާ އުޒުރުތަކެއް ކަމަށެވެ.
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތައް ވަކިކުރުމަށް ޔަހޫދީން ފާރެއް ބިނާކުރަން އުޅުމުން އައިސީޖޭއިން 2004ވަނަ އަަހަރު ވަނީ ލަފައެއް އަރުވައިފައެވެ. އައިސީޖޭއިން އޭރު ބުނީ އަމިއްލަ ދިފާޢުގައި ހަމަލާ ދިނުމަށް ތަންދޭ އދގެ
ޗާޓަރުގެ 51ވަނަ މާއްދާ، އިސްތިޢުމާރުކޮށްފައިވާ ބިމެއްގައި އިސްތިޢުމާރުކުރި ފަރާތަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތު ސިފަކުރުމަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.
ގަދްރީ ފާހަގަކުރެއްވި ގޮތުގައި 1967ވަނަ އަހަރުން ފެށިގެން ޣައްޒާ އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. އެހެންކަމުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ފެށި ޢުދުވާނަކީ އިސްތިޢުމާރުކޮށްފައިވާ ބިމެއްގައި ދިރިއުޅޭ އާބާދީއަކާ ދެކޮޅަށް އިސްތިޢުމާރު ކުރި ފަރާތުން ބާރުގެ ބޭނުން ކުރުން ކަމަށް ގަދްރީ ވިދާޅުވިއެވެ.
ޙަމާސުން އެ ދުވަހު ޔަހޫދީންނަށް ހަމަލާ ދިނީ ހަމަލާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތި ކަމަށް ޔަހޫދީން ބުނެއެވެ. ނަމަވެސް ހަމާސްއިން އެ ހަމަލާ ދީފައި ވަނީ ޔަހޫދީން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް އައިސީޖޭއިން ކަނޑައަޅާފައިވާ ޙާލަތެގައި ކަމަށް ގަދްރީ ވިދާޅުވިއެވެ. އަދި އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ހަތިޔާރާއެކު މަސައްކަތްކުރުމަކީ އިސްތިޢުމާރުކޮށްފައިވާ ސަރަަޙައްދުގައި ދިރިއުޅޭ މީހުންނަށް ލިބިގެންވާ ހައްޤެއް ކަމަށް 1977ވަނަ އަހަރުގެ އެޑިޝަނަލް ޕްރޮޓޮކޮލް 1ގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ފަހުން ފާސްކޮށްފައިވާ އދގެ އާންމު މަޖިލީހުގެ ޤަރާރުތަކުގައި ވެސް އެއަށް ބާރުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީންގެ ޢުދުވާން ފެށި ފަހުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަަހު ކޮޅާ ހަމައަށް ޣައްޒާގެ 74،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 175،000އަށް އަރައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ހަމަލާތަކުގައި ޣައްޒާގެ އިމާރާތްތަކުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް ސުންނާފަތިވެ ބިމާ ހަމަވެފައިވާއިރު، އދން ވަނީ ޣައްޒާ އަލުން ބިނާ ކުރުމަށް 70 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ނަމެއްގައި ޢަމަލުކުރަން ފެށި ނަމަވެސް ޔަހޫދީންގެ ހަމަލާތައް ދަނީ ޣައްޒާއަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޣައްޒާގެ 1،400 ރައްޔިތުން ޔަހޫދީން ޝަހީދުކޮށްލާފައިވެއެވެ. ޤަދްރީ ވިދާޅުވީ އދގެ ކޮމިޝަން އޮފް އިންކުއަރީއާއި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީގެ ޕްރޮސެކިއުޓަރާއި، އައިސީޖޭއިން އަޅާފައިވާ ފިޔަވަޅުތަކާއި، ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދާ ކަމަށް ބުނަމުންދާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވެސް ޔަހޫދީން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމަށާއި ބަޔަކު ނަސްލުހޭދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެއްބަސްވާ ކަމަށެވެ.
އިންތަންބޫލުގެ މާމަރާ ޔުނިވަސިޓީގައި އިންޓަނޭޝަނަލް ރިލޭޝަންސްގެ އެސިސްޓަންޓް ޕްރޮފެސަރެއް ކަމަށްވާ ޢަލީ މުރާތު ކުރްސުން ވިދާޅުވީ އެންމެ ހާދިސާއެއްގެ ސަބަބުން ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދިނުމުގެ ޤާނޫނުތަކާއި އިންތައް ފަހަނައަޅާއި، އާބާދީއެއް ނައްތާލުމުގެ ޙުއްދަ އެއްވެސް ބަޔަކަށް ލިބިގެން ނުވާ ކަމަށެވެ. އެއީ ކިތަންމެ ބޮޑު ހާދިސާއެއްގެ ސަބަބުން ނަމަވެސް ކަން އޮތީ އެހެން ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ފެންނަމުންދާ މަންޒަރުތަކަކީ ޙާލަތާ އެކަށީގެންވާ ސަލާމަތީ އޮޕަރޭޝަން ހިންގާ މަންޒަރު ނޫން ކަމަށާއި، އެއީ ފަހުގެ ތާރީޚެއްގައި އެންމެ ފާޅުކަން ބޮޑު ގޮތަކަށް، ކަން ހިނގަމުންދާ ގޮތް އެންމެ ގާތުން ދަފްތަރުކޮށްގެން ހިނގާ ނަސްލުހޭދުކުރުން ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. އަދި އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާ އުޒުރެއްގެ ގޮތުގައި ބޭނުންކޮށްގެން ޔަހޫދީންގެ މަޤްޞަދެއް ހާސިލްކުރުމަށް ހަމަލާ ދިން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ޣައްޒާގެ އާބާދީ ބަދަލުކުރުމަށް ދުރާލާ ރާވާފައި އޮތް ރޭވުމެއް ތަންފީޒު ކުރުމަށް ލިބުނު ފުރުޞަތެއްގެ ފުރިހަމަ ބޭނުން ހިފުން ކަމަށް ވެސް ބެލެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް އިމެއް ނެތި ހަމަލާ ދިނުމުގެ ފުރުޞަތު ޔަހޫދީންނަށް ލިބޭ ނަމަ 1945ވަނަ އަހަރު ޤައިމްކޮށްފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ތަރުތީބުގެ މާނައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.