އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުރިން ކުޅުނު ސްޕެއިންގެ ތަޖްރިބާާކާރު ކުޅުންތެރިޔާ ޑޭވިޑް ސިލްވަރ ވާދަވެރި ފުޓްބޯޅައަށް އެނބުރި އަންނަން ނިންމައިފިއެވެ.
އުމުރުން 40 އަހަރުގެ ސިލްވަރ މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯއެެއްގައެވެ. ސިލްވަރ ބުނިގޮތުގައި އޭނާ ވާދަވެރި ފުޓްބޯޅައަށް އެނބުރި އަންނަނީ ހޮންގ ކޮންގ ޕްރިމިއަރ ލީގުގެ ކްލަބެއް ކަމަށްވާ ޝާ ޓިންއަށް ކުޅުމަށްޓަކައެވެ. ސިންވަރ ބުނީ ހޮންގ ކޮންގއަށް ދިއުމަށް އޭނާ ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަމަށާއި ޝާ ޓިންގެ ސަގާފަތާއި ކާއެއްޗެހި ދެނެގަތުމާއެކު ހޮންގ ކޮންގގެ ފުޓްބޯޅަ ތަޖްރިބާ ކޮށްލަން ބޭނުންވެފައިވާ ކަމަށެވެ.
ޝާ ޓިން އަކީ ހޮންގ ކޮންގ ލީގުގައި ހަތަރު މެޗު ކުޅުނު އިރު މިވަގުތު ތާވަލްގެ އަށް ވަނައިގާ އުޅޭ ޓީމެކެވެ. އަދި ދެން ކުޅޭ މެޗުގައި އެޓީމު މިމަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ހޮންގ ކޮންގ ފުޓްބޯލް ކްލަބާއި ދެކޮޅަށެވެ. ޝާ ޓިން އިން ހާމަކުރިގޮތުގައި އެޓީމާއި ގުޅުމަށްޓަކައި ޑޭވިޑް ސިލްވަރ ވަރަށް އަވަހަށް ހޮންގ ކޮންގ އަށް އަންނާނެ އެވެ. އަދި އެއާއެކު ޓީމާއެކު ފަރިތަކުރުންތައް ފަށާ މެޗު ފިޓްނަސް ހޯދުމުގެ މަސައްކަތް ފަށާނެއެވެ.
ޑޭވިޑް ސިލްވަރ ފުޓްބޯޅައިން ރިޓަޔަރ ކޮށްފައިވަނީ 2023 ވަނަ އަހަރު ރެއާލް ސޮސިއެޑާޑް އަށް ކުޅެނިކޮށް އެ އަހަރުގެ ޕްރީ ސީޒަންގައި އޭނާގެ ލިގަމަންތަށް އަނިޔާ ވުމާއި ގުޅިގެންނެވެ. ޑޭވިޑް ސިލްވަރ އެންމެ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ އޭނާ މެންޗެސްޓަރ ސިޓީއަށް ކުޅުނު ދުވަސް ވަރުއެވެ. މިގޮތުން އެކްލަބްގައި އޭނާ ހޭދަކުރި 10 އަހަރުގައި ގިނަ ކާމިޔާބީ ތަކެއް ހާސިލް ކޮށްފައިވެއެވެ. މިގޮތުން އެމުއްދަތުގެ ތެރޭގައި ސިލްވަރވަނީ ސިޓީ އާއެކު 11 ތަށި ކާމިޔާބު ކޮށްފައެވެ. މީގެތެރޭގައި ޕްރިމިއަރ ލީގުގެ ތަށި ހަތަރު ފަހަރު ކާމިޔާބު ކާމިޔާބު ކުރުން ހިމެނެއެވެ. އަދި އޭނާ ވަނީ ސްޕެއިން ޤައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެދީ އެޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ޑޭވިޑް ސިލްވަރ ވާދަވެރި ފުޓްބޯޅައަށް އެނބުރި އަންނަ ވާހަކަ ހާމަކުރި ނަމަވެސް އޭނާ ޝާ ޓިން އާއި ގުޅެނީ ކިހާ ދުވަހަކަށް ކޮންކަހަލަ އެއްބަސްވުމެއްގެ ދަށުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ސިލްވަރއަކީ އޭނާ ސިޓީއަށް ކުޅުނު އިރު މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ.