ޚަބަރު

"މަގާމު ދަމަހައްޓަން އުނދަގޫވާނެ، ޓީމުތައް ވަރުގަދަވެއްޖެ"


  • ބުރު ސްޕޯޓްސްއިން މިދިޔަ ސީޒަނުގައި ލީގު ނިންމާލީ ހަތަރުވަނައިގައި

  • މި ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައި

ފާއިތުވީ ސީޒަނުގައި ދިވެހި ލީގުގެ ހަތަރުވަނަ މަގާމުގައި އޮވެ ނިންމާލި ބުރު ސްޕޯޓްސް ކުލަބަށް، މި ސީޒަނުގައި އެ މަގާމު ދަމަހައްޓަން އުނދަގޫވާނެކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ކޯޗު މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ކުޅުނު ބުރު ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ރޮޑްރިގޭޒް ހަވާލުވީ އައު ސީޒަނަށެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ބުރުން ފަސް މެޗު ކުޅެފައިވާއިރު އެ ފަސް މެޗުންވެސް އެޓީމުވީ ބައްޔެވެ. އޭގެ ތެރޭގައި ކަޕް ވިނާސް ކަޕުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު ލީގުގައި ދިއްދޫ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު އަތުން ވެސް ބުރު ވަނީ ބަލިވެފައެވެ.

ނިމިގެންދިޔަ ފީފާ ވިންޑޯއާ ގުޅިގެން ލީގު މެދުކަނޑާލުމަށްފަހު އަލުން ލީގުގެ ކުޅުން ފަށާއިރު އެންމެ ފުރަތަމަ މެޗެއްގެ ގޮތުގައި އޮތީ ބުރާއި ބިސްބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗެވެ. މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ރޮޑްރިގޭޒް ބުނީ، ފާއިތުވީ ސީޒަނުގައި ބުރުން ވަރަށް ރަނގަޅު ނަތީޖާއެއް ނެރުނުކަން ގަބޫލުކުރާ ކަމަށެވެ.

މި ސީޒަނުގައި ލީގުގައި އަދި ބުރުން ކުޅުނީ އަދި އެންމެ ދެ މެޗުކަން ވެސް ގަބޫލުކުރަން ޖެހޭކަމަށާއި، އެޓީމަށް ދެން އޮތީ އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުން ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަނުގައި ވެސް ގަދަ ހަތަރެއްގައި މަގާމު ދެމެހެއްޓުން އެއީ އުނދަގޫ ކަމަކަށް ވާނެކަމަށް ކޯޗު ރޮޑްރިގޭޒް ބުންޏެވެ. އެއީ މި ސީޒަނަށް ޓީމުތައް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާތީއާއި ޓީމުތައް ވަރުގަދަވެ، ކުރިއަރާފައިވާތީކަމަށް ކޯޗު ބުންޏެވެ.

"ގަދަ 4ގައި ދެމިއޮތުން އެއީ އުނދަގޫކަމަކަށް ވާނީ. އެއީ އަހަންނަށް ފެނޭ މި ސީޒަނުގައި ބައެއް ޓީމުތައް ވަރަށް ބޮޑަށް ކުރިއަރާފައި މިވަނީ، ސްކޮޑުތައް ވެސް ވަރުގަދަކޮށްފައި މިވަނީ މި ސީޒަނަށް. އެހެންވީމަ އަހަންނަށް ގަބޫލުކުރެވެނީ މި ސީޒަނުގައި ގަދަ 4 ގައި ހިމެނުން އެއީ ވަރަށް އުނދަގޫ ކަމަކަށޭ ވާނީ. އެކަމަކު އަހަރެން ދޭނެ ޔަގީންކަމަކީ އެ މަގާމު ދަމަހައްޓަން ބުރުން ހަމަ ވަރަށް މަސައްކަތްކުރާނެޔޭ. ރަނގަޅު ފައިޓެއް ދޭނެޔޭ". ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު ރޮޑްރިގޭޒް ބުންޏެވެ.

މި ސީޒަނުގައި ގަދަ 4 ގައި ހިމެނުން އެއީ ބޮޑު ޗެލެންޖަކަށް ވާނެކަމަށް ކޯޗު ރޮޑްރިގޭޒް ބުނިއިރު، ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުން ވެސް ބަލިވެ، ބުރު އޮތީ ލީގު ތާވަލުގެ ފުލުން ދެވަނައިގައެވެ. ތާވަލުގެ ފުލުގައި އޮތް ގައްދޫ ރެކްރިއޭޝަން ކުލަބާއި ބުރަށް ވެސް އަދި ޕޮއިންޓެއް ލިބިފައިނުވެއެވެ.