ޕެރޯލް ނުވަތަ ޝަރުތުތަކަކާއެކު ކުށްވެރިން މިނިވަންކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މުހިންމު ބައެކެވެ. ސަބަބަކީ، އޭގެ ސަބަބުން ޝަރުތު ހަމަވާ ކުށްވެރިންނަށް، އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ވަކި ޚާއްސަ ޝަރުތުތަކަކާއެކު އަނބުރާ މުޖުތަމައަށް އައުމުގެ ފުރުޞަތު ލިބިގެންދާތީއެވެ.
ދިވެހިރާއްޖޭގައި ޕެރޯލްގެ ނިޒާމު ބައްޓަންކޮށްފައިވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، ކުށަށް ދެވޭ އަދަބާއި، ކުށްވެރިން އިސްލާހުކުރުމުގެ އިތުރުން، އެމީހުންނަށް ދެވަނަ ފުރުޞަތެއް ދިނުމުގެ މައްޗަށް ބިނާކޮށް، މި ހުރިހާ ކަމެއްގެ މެދުގައި ހަމަހަމަކަން ޤާއިމުކުރެވޭނެ ގޮތެއްގެ މަތިންނެވެ.
މިހާރު އަމަލުކުރަމުންދާ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އެކުލަވާލެވުނީ 2013ވަނަ އަހަރުކަމަށްވުމާއެކު އެ ޤާނޫނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް އެބަހުއްޓެވެ. ސަބަބަކީ އެ ޤާނޫނު އެކުލަވާލި ފަހުން، ފަހުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުފަދަ ޕެރޯލްއާއި ގުޅުން ހުރި މުހިންމު ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމެވެ.
ސަރުކާރުން ވަނީ ޖަލުތަކާއި ޕެރޯލްގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރައްވާކަން މިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޕެރޯލް ޤާނޫނަށް އިސްލާޙު ގެންނަން ނިންމާފައި ވަނީ، ޕެރޯލް ނިޒާމް އިތުރަށް ފުރިހަމަކުރުމަށްޓަކައިކަމަށެވެ. ޕެރޯލް ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޕެރޯލް ޤާނޫނުގައި ވަރަށް ސާފުކޮށް އިޖުރާޢަތުތައް ބަޔާންކޮށްދޭ. ސަރުކާރުގެ ސިޔާސަތެއް ނޫން މި ބާވަތުގެ ކަންކަމުގައި މީހުން ދޫވެގެން ދިއުމަކީ. އަދުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތް ކޮމްޕްރޮޕައިޒްވާނެ އެއްވެސް ކަމެއް ނުކުރާނެ. ޝޯޓްކަޓެއް ނުނަގާނެ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ޕެރޯލްގެ އެންމެ މުހިންމު މަޤްޞަދަކީ ކުށްވެރިން އިސްލާހުކުރުންކަމަށްވާއިރު ޤާނޫނަށް އަލަށް ގެންނަ އިސްލާޙުތަކާއެކު އެ މަގުން ކަންކަން ފަހިކުރުމަށް އިތުރު ފުރުޞަތެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޕެރޯލް ޤާނޫނަށް އިސްލާޙު ގެނައުމުގެ މައިގަނޑު އެއް ބޭނުމަކީ ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން، ޕެރޯލްގެ ޤާނޫނުގެ ދަށުން ދޫވެގެން މުޖުތަމަޢުއަށް ނުކުތުމަށް ފުރުޞަތު ނުދިނުމެވެ. ޤާނޫނީ ގޮތުން ހުރި ފޫ ނުބެދޭކަންކަން ނުވަތަ އިތުރަށް ފުރިހަމަ ކުރެވިދާނެކަންކަން ދެނެގަނެ، މިހާރަށްވުރެ ތަރުތީބު ނިޒާމަކަށް ޕެރޯލްގެ ކަންކަން ރޭވުމަކީ ސަރުކާރުގެ އަމާޒެވެ.
ކުށްވެރިން އަލުން މުޖުތަމައަށް ނެރުމަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، ހުކުމް ލުއިކޮށްދިނުމާގުޅޭގޮތުން ސަރުކަރުން ދަނީ މި ނޫނަސް މުހިންމު ނިންމުންތަކެއް ނިންމަވަމުންނެވެ.
ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ ރަނގަޅު އަޙުލާގުގެ މަތީގައި ދެމި ތިބޭ ފަރާތްތަކަށް ރަނގަޅު ގޮތްތަކެއް ހަމަޖައްސަވާދެއްވުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވައެވެ. އެފަދަ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގައި ގައިދީން ކާމިޔާބުކަމާއެކު ހޭދަކުރާ މުއްދަތު، އެމީހެއްގެ ބާކީ އޮތް ހުކުމުގެ މުއްދަތުން އުނިކުރެވޭނެ މަގު ހަމަޖެއްސުމަކީ، ގައިދީން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެކަން ކަމާގުޅުންހުރި އިދާރާތަކުން ފާހަގަކުރައްވައެވެ.
ވަޒީރު އިޙުސާން ވިދާޅުވީ، މިއީ ގައިދީންގެ އަމަލުތައް އިސްލާހުކޮށް، ރަނގަޅު މަގަށް ރުޖޫއަވުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރާ ފަރާތްތަކަށް، އެކަށީގެންވާ އުސޫލުތަކެއްގެ ދަށުން އަވަހަށް މުޖުތަމައަށް އެނބުރި އައުމުގެ ފުރުޞަތު ދިނުމުގެ މަޤުޞަދުގައި ނިންމާފައިވާ ނިންމުމެއްކަމަށެވެ.
ޤާނޫނީ އިސްލާޙުތަކާއި، ރިހިބިލިޓޭޝަންގެ ފަރުވާގެ އިތުރު ފުރުޞަތުތަކާއެކު، ޕެރޯލްގެ ސަބަބުން ކުށްވެރިންނަށް އަނބުރާ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ފަސޭހަވެގެންދެއެވެ. ޕެރޯލްގެ ފުރުޞަތު ލިބެނީ އެކަމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވެގެން، ނިޒާމީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ކަމެއް ފުރިހަމަވެގެންކަން ކަށަވަރުކުރުމަށް މިހާރުވެސް އިދާރާތަކުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
މިއާއެކު، ސަރުކާރުން ދެއްވާ ޔަޤީންކަމަކީ، ކުށްވެރިއަކު ދޫކޮށްލުމާ މެދު ގޮތެއް ނިންމާއިރު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދެއްވާނެކަމެވެ. އަދި އާއްމުންގެ ރައްކާތެރިކަމަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ޢަމަލުނުކުރައްވާނެކަމެވެ.