ޚަބަރު

ރަސްމާލެ މަޝްރޫއާއެކު ބިޔަ މަޝްރޫޢުތަކަށް ދިވެހިން ބިނާކުރުމުގެ ފުރުސަތު


  • ރައްޔިތުންނަށް ފައިދާ ނުވާ ގޮތަށް އިންވެސްޓްކޮށްގެން ރަނގަޅު ނަފާއެއް ނުލިބޭ

  • އިސްކަންދިނީ ޤައުމުތަކުގެ ކޮންޓްރެކްޓަރުންނަށްކަން ފާހަގަކުރެއްވި

ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދިއުމުން ރާއްޖޭގައި މިފަދަ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުރުޞަތު ލިބިގެންދާނެކަަމަށް އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެފައެވެ. އޭނާ ވަނީ ރަސްމާލޭގައި އެކުންފުނިން މަސައްކަތް ކުރާނީ ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ހިންގުމަށް ތައްޔާރުވަމުންދާ އެންމެ ބިޔަ އިންވެސްޓްމެންޓް މަޝްރުޢޫ ކުރިއަށްގެންދަން ނިންމާފައިވާ އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި، ވަނީ ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އޭނާ ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ މިފަދަ ކޮންމެ މަސައްކަތެއްވެސް ފެށިގެން އަންނަނީ ހުވަފެންތަކަކާއި ރަނގަޅު ތަޞައްވުރެއްގެ ތެރެއިން ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުމެއް ނެތް އިންވެސްޓްމެންޓަކީ ރަނގަޅު ނަފާއެއް ލިބޭނެ އިންވެސްޓްމެންޓެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްއައްބާރުގެ މި ވިސްނުން އޭނާ ގުޅުވާލީ މި ވޭތުވެދިޔަ 40 އަހަރު ދުބާޢީ ތަރައްޤީވެގެން އައި ގޮތުގެ މައްޗަށެވެ. ދުބާޢީގައި މަޝްރޫޢުތައް ކުރިއަށް ގެންދިޔައިރު ދަސްވި އެއް ކަމަކީ، މަސައްކަތަކީ ހަމައެކަނި ތަރައްޤީގެ މަސައްކަތެއް ނޫންކަމާއި، އޭގެ ސަބަބުން ރައްޔިތުންނަށް ކުރާ ފައިދާއާއި އެތަނުގައި އުފެދޭ ވަޒީފާގެ ފުރުޞަތުތައްވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އެއީ ޤައުމުގެ ހައިބަތު ދެއްކުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅިފައިވާ ކަމެއް. އެމަސައްކަތުގެ ސަބަބުން ވަޒީފާގެ ފުރުޞަތު އިތުރުވާންޖެހޭ. އެތަނެއްގެ ރައްޔިތުންނަށް ފައިދާވާނެހެން ކަސްޓަމަރުންވެސް ޝައުޤުވެރިކުރުވަންޖެހޭ. ސަރުކާރަށް ހަގީގަތުގައި ފައިދާވާންޖެހޭ، ޓެކްސްއާއި އާމްދަނީއިން" އީގަލް ހިލްސްގެ ޗެއަރމަން ވިދާޅުވިއެވެ.

އޭނާ ވަނީ މިވޭތުވެ ދިޔަ މުއްދަތުގައި އެކުންފުނީގެ މަސައްކަތްތައް އެކުންފުނިން ކޮށްފައިވަނީ، ކޮންމެ ޤައުމެއްގައި މަސައްކަތްކޮށްފައިވަނީވެސް އެ ޤައުމެއްގެ ތިބި ބަޔަކު ބައިވެރިކޮށްގެންކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން މީހުން ބިނާކުރުމަށް ފުރުޞަތު ފަހިވާކަމަށް އޭނާ ވިދާޅުވިއެވެ. އެކުންފުނިން މިވަގުތުވެސް 20 ޤައުމެއްގައި ޚިދުމަތް ދެމުން އަންނައިރު އެ ޤައުމުތަކުން މީހުން ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. އެހެން ވުމުން މިފަދަ މަޝްރޫޢުއްގެ ތެރެއަށް އިންސާނީ ވަސީލަތް ބިނާކުރުންވެސް ވަންނަކަމަށް އަލްއައްބާރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންކުރަނީ ހުރިހާ އެޤައުމެއްގެ އާކިޓެކްޓުން، އަޅުގަނޑުމެން ދާ ކޮންމެ ތަނެއްގައި، އެއީ އަސްލު އަޅުގަނޑުމެންގެ ޕްރޮސެސް އަޅުގަނޑުމެން ކުރާ ގޮތް. އަޅުގަނޑުމެން ކުރާ ކަންކަމުގައި ބޭނުންކުރަނީ ހުރިހާ އެޤައުމެއްގެ ކޮންޓްރެކްޓަރުން. އެހެންވީމާ ދެން ތަންކޮޅެއް ތަފާތު ވެގެން ދިޔައީ، ވެގެން ދިޔައީ އެހާ ބޮޑަށް ޕްރޮޖެކްޓަކާ ބެހޭ ގޮތުން ނޫން އަސްލު. އެއީ މީހުން ތަމްރީނު ކުރުމާއި، މީހުން ބިނާކުރަން ފެށުނީ، އަޅުގަނޑުމެންހެން" މުޙައްމަދު އަލްއައްބާރު ވިދާޅުވިއެވެ.

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ވަނީ ކޮމާޝަލް ޓާމްސް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

އަދި މިވަގުތު ސަރުކާރާއި އެކުންފުންޏާއި ދެމެދު މަޝްރޫޢުގެ އެއްބަސްވުމެއް އެކުލުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރުޢޫ ނިމިގެންދާއިރު މި މަޝްރޫޢު ވެގެންދާނީ 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ކަމަށް، އީގަލް ހިލްސްއިން ވިދާޅުވިއެވެ.