ޚަބަރު

އޯޒޯން ދުވަސް ފާހަގަކުރުމަށް ޚާއްސަ ޙަރަކާތްތަކެއް


  • ހަރަކާތުގެ ބޭނުމަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދިނުން

  • މި ހަރަކާތުގައި 5 ސްޓޯލެއް ބަހައްޓާފައިވޭ

ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފާއި އެ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއީ، މޮންޓްރިއާލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމަންޓަށް 10 އަހަރުފުރުން ފާހަގަކުރާ ދުވަހެކެވެ. މި ހަރަކާތް އޮތީ، މިއަދު ހަވީރު އާޓިފިޝިއަލް ބީޗުގައެވެ. މި އަހަރުގެ ތީމަކީ "ގްލޯބަލް އެކްޝަން ފޯ އަ ކޫލަރ ޕްލެނެޓް"އެވެ. މި ހަރަކާތްތަކުގެ މަޤުސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަން އާއްމުންނަށް އަންގައިދީ، ދުނިޔެ ހޫނުވުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމެވެ.

މި ހަރަކާތުގައި 5 ސްޓޯލެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަކަތައާއި ބެހޭ ވުޒާރާގެ އެނަރޖީ ޑިޕާޓްމަންޓާއި، ޔުޓިލިޓީ ރެޖުލޭޝަން އޮތޯރިޓީއާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ އިތުރުން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސްޓޯލްއެކެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ސްޓޯލްއިން ތިމާވެއްޓާ ރައްޓެހި ފެހިކަން ގަދަ އަދި ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ގަސް ހަދިޔާކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޤައުމީ ޔުނިވަސިޓީއިން އޯޒޯން ފަށަލައާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގަސްމުށި ހަދިޔާ ކުރުމާއި، ތިމާވެށީގެ އިޤުރާރުތައް ހިއްސާކުރާ ގަހާއި، އޯޒޯން ފަށަލައާ ގުޅޭ ކުޅިވަރުތަކުގެ އިތުރުން އާންމުންނަށް ބައިވެރިވެވޭނެ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ޔުޓިލިޓީ ރެގިޔުލޭޝަން އޮތޯރިޓީގެ ސްޓޯލްއިން ހަކަތަ ސަލާމަތްކުރުމަށް އިސްކަންދޭ ކަންކަން ވަނީ ދައްކުވައިދީފައެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ބޮކިތަކުން ހޭދަވާ ވޯޓޭޖާއި، ހަކަތަ އަޅާކިޔައި ފައިދާހުރި ބޮކިތަކަށް ބަދަލުކުރުމުން ކުރެވޭނެ އިޤުތިސާދު އަމަލީގޮތުން ދައްކުވައިދީފައިވެއެވެ. މީގެއިތުރުން ހަކަތައަށް ހޭލުންތެރި ކުރުވުމަށް ބައިވެރިވެވޭ ފަދަ ސުވާލާއި ޖަވާބުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ހަކަތައާއި ބެހޭ ވުޒާރާގެ އެނަރޖީ ސްޓޯލްއިން ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި، ހަކަތަ އިޤުތިސާދު ކުރުމާއި ގުޅޭ މައުލޫމާތުދީފައިވެއެވެ. އަދި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ މި ކޮންސެޕްޓުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ހިމެނެއެވެ. މީގެއިތުރުން ސޯލާ ޕީވީގެ މޮޑެލްތައް ދައްކާލުމާއި "ހަކަތަރި" ޕްރޮގްރާމާ ގުޅޭ މައުލޫމާތުދިނުންވެސް މި ހަރަކާތުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވެގެން ޤުރުއަތުން ހޮވޭ ފަރާތަކަށް 12،000 ބީޓީޔޫގެ ހަކަތަރީގެ އޭސީއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ހަރަކާތް ކުރިއަށްދާނީ، މިއަދު ހަވީރު 16:00އިން 18:00އަށެވެ. އަދި 20:00 އިން ރޭގަނޑު 22:00އަށެވެ.