ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އަމިއްލަ ފަސްގަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ދިއްދޫ ސްޕޯޓްސް ކުލަބުން، ވަރުގަދަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ދިއްދޫގައި ކުޅުނު މިމެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.
ފުރަތަމަ 11 ގައި އަލީ އަޝްފާޤުވެސް ހިމެނިގެން ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ދިއްދޫއިންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުފާލް އަބްދުﷲ އެވެ.
އޭގެ ތިން މިނެޓުފަހުން ޓެޓޭ ގިޑެއޯން ވަނީ ދިއްދޫގެ ދެވަނަ ލަނޑު ޖަހައިދީ، ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ފަރަގު ކުޑަކޮށްދިން ލަނޑު ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދިނީ މި މެޗުގައި ކެޕްޓަން ބޭންޑުވެސް އަޅައިގެން ކުޅެމުން ދިޔަ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ.
މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގައި ނިއުއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރުވަގުތުގެ 10 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ބިލިޓީއެވެ.
މި މެޗުން މޮޅެއް ނުހޯދި، ތިން ޕޮއިންޓު ނުލިބުމާއިއެކު ނިއުއަށް ލީގު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި މެޗުން މޮޅުވެގެން ނުވަ ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައަށް އެރެން ނިއުއަށް އޮތެވެ. އެއީ މާޒިޔާއާއި، ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓްރީ މެޗު ވެސް އެއްވަރުވުމުންނެވެ. މިހާރު ތާވަލަށް ބަލާލާއިރު އެއްވަނައިގައި އޮތް ވިކްޓްރީއާއި ދެވަނައިގައި އޮތް ނިއުއަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ.