ޚަބަރު

މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ މަހުގެ 14ގައި


  • މިއީ 2012އިން ފެށިގެން ޕެންޝަން އޮފީހުން ބާއްވަމުންދާ ފޯރަމެއް

  • ބައްދަލުވުން އޮންނާނީ ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައި

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ. މިއީ، ފައިނޭންސް ފޯރަމްގެ 13ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން އޮންނާނީ، ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ މިއަހަރުގެ ފޯރަމްގެ ޝިއާރަކީ، "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" އެވެ.

މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ އިޤުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައިކަމަށް ޕެންޝަން އޮފީހުން ވަނީ ވިދާޅުވެފައެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ، މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ދޭ ފަރާތްތަކުން މިހާރު ދެކެއެވެ. މިކަމުގެ ސަބަބުން ޤައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްޤީގެ ސިޔާސަތުތަކާއި ގުޅޭ މާލީ ވަސީލަތްތަކާއި އަދި މާކެޓުގެ ހާލަތްތަކާ ބެހޭގޮތުން މި ފޯރަމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިޤުތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާނެއެވެ.

މި މަޝްވަރާތައް ބިނާކޮށްފައިވަނީ، ރާއްޖޭގެ މާލީ ބާޒާރުގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން 2024 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައާރަފުކުރި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" ހިމެނެއެވެ. މިއީ، އިތުބާރުހުރި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކަށް ބޭނުންވާ މައުލޫމާތު ހާމަކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން މި ދާއިރާއަށް ޚާއްސަ އިސްކަމެއްދޭކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ. ޕެންޝަން ފަންޑުގެ ބައިވެރިންގެ މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ، ޤައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިޤުތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށްކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

2012 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޕެންޝަން އޮފީހުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގާއި، އެ ދާއިރާއަށް ކުރިމަތިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާއިމުކޮށްފައިވާ ގައުމީ ފެންވަރުގެ މަންސައެކެވެ.