ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ 47 އާއިލާއަކަށް، 27 ދުވަހުގެ އަސްކަރީ ޙިޞާރަކަށްފަހު، މިއަދުގެ އިރުއޮއްސުމުގެ ކުރިން ގެދޮރު ދޫކޮށް ދިއުމަށް ޔަހޫދީންގެ ޣައިރުޤާނޫނީ ވަޒަންވެރިން މުހުލަތު ދީފައިވާކަން ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާއަކުން ބުނެފިއެވެ.
ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ އިސް ވެރިޔަކު ވިދާޅުވީ، ޠޫބާސްގެ ދެކުނު އިރުމަތީގައި އޮންނަ އަވަށަކަށް ވަދެނުކުމެވޭ ހުރިހާ މަގުތަކެއް ބަންދުކޮށް، އެ ރަށް މުޅިން އެކަހެރިކޮށްލާފައިވާތާ އެތައް ހަފުތާއެއް ވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ އާއިލާތަކަށް މިހާރު ކުރިމަތިލާން ޖެހިފައިވަނީ ނުތަނަވަސްކަމާއި ބިރުވެރިކަމުން ފުރިގެންވާ ހާލަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގެދޮރުން ނުކުތުމަށް ދީފައިވާ މި އިންޒާރަކީ، އެ ސަރަޙައްދުގެ ރައްޔިތުން އަމިއްލަ ކާބަފައިންގެ ފަސްގަނޑުގައި ދިރިއުޅުމަށް ކުރަމުންދާ އުންމީދަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން، މަޖުބޫރުން ރައްޔިތުން ގެދޮރުން ނެރެލުން ހުއްޓުވުމަށާއި، މި ޙިޞާރު ވަގުތުން ވަގުތަށް ނިމުމަކަށް ގެނައުމަށްޓަކައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށާއި އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކަށް އޭނާ ވަނީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފައެވެ.
މި އިންޒާރު ދީފައިވަނީ އެތައް ހަފުތާއެއް ވަންދެން އެ ސަރަޙައްދު ވަށައިގެން ބަންދުކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހުއެވެ. އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ވަނީ އެ ސަރަޙައްދުގެ ކައިރި އަވަށްތަކާ ގުޅުވައިދޭ އެންމެ ފަހު މަގުވެސް ބަންދުކޮށްފައެވެ. އަދި އޭގެ ކުރިންވެސް ވަށައިގެންވާ ދަނޑުވެރިކަމުގެ ހުރިހާ މަގުތަކެއް ވަނީ ބަންދުކޮށްފައެވެ.
އެ އަވަށުގެ ރައްޔިތުން ކިޔައިދިން ގޮތުގައި، ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތައް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އަދި އެއްގަމު އުޅަނދުތަކަށް ދަތުރުކުރެވެން އޮތް ހަމައެކަނި މަގު ހުރަސްކޮށް ޔަހޫދީ ސިފައިން ފުން ކޯރެއް ކޮނުމާ ގުޅިގެން ޙާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން އެޅި މި ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށުގެ ރައްޔިތުން މިހާރު ތިބީ ކޮނެފައިވާ ފުން ކޯރުތަކާއި، ކޮންކްރީޓް ހުރަސްތަކުގެ އިތުރުން، އަސްކަރީ ތަމްރީނު ސަރަޙައްދުތަކުން މުޅިން ބަންދުވެ، ޙިޞާރުވެފައެވެ.
މި އަވަށުގެ ރައްޔިތުން ގެދޮރުން ނެރެލުމުގެ ނުރައްކާ ކުރިމަތިވެފައި މިވަނީ، އިސްތިޢުމާރުކޮށްފައިވާ މުޅި ސަރަޙައްދުގައި ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ކުރިމަތިވާ އަނިޔާވެރިކަމާއި ހަމަލާތައް އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ފަލަސްޠީނުގެ ކަމާގުޅޭ އިދާރާއިން އާންމުކޮށްފައިވާ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް، ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ވަނީ 14,742 އަށްވުރެ ގިނަ ޙަމަލާދީ، ފަލަސްޠީނުގެ 66 މީހުން ޝަހީދުކޮށްލައިފައެވެ.