ޚަބަރު

އައު ސްވިމިންގް ޕޫލާއެކު ރާއްޖެއަށް ސަރަހައްދީ މުބާރާތްތަކުން މެޑަލް ހޯދޭނެ


  • 25 މީޓަރު ޕޫލާއެކު ރާއްޖޭގެ އެތުލީޓުންގެ ޓައިމިން ބޮޑުތަނުން ރަނގަޅުވި

  • އައު ސްވިމިން ޕޫލު ވެގެންދާނީ މި ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ވަސީލަތައް

މޯލްޑިވްސް އެކުއެޓިކްސް އިން ހުޅުމާލެ، ފޭސް 1ގައި ތަރައްގީކުރަމުން އަންނަ ބައިނަލްއަގްވާމީ ފެންވަރުގެ ސްވިމިންގް ޕޫލުގެ މަސައްކަތްނިމި އެތަން އެތުލީޓުން ބޭނުން ކުރަން ފެށުމުން، ރާއްޖޭގެ އެތުލީޓުންނަށް ސަރަހައްދީ މުބާރާތްތަކުން މެޑަލް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް އެކުއެޓިކްސްގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

ސަރުކާރާ، މޯލްޑިވްސް އެކުއެޓިކްސް ގުޅިގެން ކުރިއަށް ގެންދާ ސްވިމިންގް ޕޫލަކީ ބައިނަލްއަގްވާމީ ފެންވަރުގެ ސްވިމިންގް ޕޫލެކެވެ. އަދި މި ޕޫލަކީ 50 މީޓަރުގެ 10 ލޭނު ޕޫލެކެވެ.

ޕީއެސްއެމްގެ "ފޯރި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ، ސްވިމިން ޕޫލުގެ މަސައްކަތުގެ ބޮޑުބައި އަންނަ ޑިސެމްބަރު މަހަށް ނިމޭނެ ކަމަށެވެ. އަދި މި ޕޫލަކީ މި ސަރަހައްދުގައި އެޅޭ އެންމެ ފެންވަރު ރަނގަޅު އެއް ވަސީލަތައް ވާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، މިހާރު ރާއްޖޭގެ އެތުލީޓުން ބޭނުން ކުރަމުން އަންނަ 25 މީޓަރުގެ ޕޫލު ބޭނުން ކުރަމުން އެތުލީޓުންނަށް އައި ބަދަލު ފާހަގަވާ މިންވަރަށް މަތިވި ކަމަށެވެ. އެގޮތުން އެތުލީޓުންގެ ޓައިމިން އަށް ބޮޑެތި ކުރިއެރުންތަކެއް އައިކަން ސައްތާރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންއަށް ހަމަ ފާހަގަވި، ކުރިން 25 މީޓަރު ޕޫލަށް ދިޔުމުން ފެތުންތެރިންގެ ޓައިމިން އަށް އައި ބަދަލު. އަޅުގަނޑު ދަންނަވާނީ ހަމަ އާ ޕޫލާއެކު ސަރަހައްދީ މުބާރާތްތަކުން ރާއްޖޭގެ ފެތުންތެރިން މެޑަލް ނަގާނެއޭ ހަމަ." ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ 50 މީޓަރުގެ ޕޫލާއެކު ރާއްޖޭގެ އެތުލީޓުންނަށް އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) ކަހަލަ ސަރަހައްދީ މުބާރާތްތަކުން މެޑަލް ހޯދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އައު ޕޫލާއެކު، ރާއްޖޭގެ އެތުލީޓުންގެ ޓައިމިންތައް އިތުރަށް ރަނގަޅުވާނެކަން ސައްތާރު ފާހަގަކުރެއްވިއެވެ.

ކާމިޔާބު ހޯދުމަށް ރަނގަޅު ފެސިލިޓީއެއްގެ މުހިންމުކަން ސައްތާރު ފާހަގަކުރެއްވިއެވެ. އެގޮތުން ރަނގަޅު ފެސެލިޓީތަކާއެކު އެތުލީޓުންގެ ކުރިއެރުމަށް އޭގެ ފައިދާތަކެއް ކުރާނެކަމަށް ސައްތާރު ވިދާޅުވިއެވެ.