ޚަބަރު

ރަޝިއާއާއި ޔޫކްރެއިންއިން ހަކަތައިގެ ދާއިރާއަށް ހަމަލާދިނުން މެދުކަނޑާލަނީ؟


ރަޝިއާއާއި ޔޫކްރެއިންއާ ދެ ޤައުމުން އެއް ޤައުމުން އަނެއް ޤައުމުގެ ހަކަތައިގެ ދާއިރާއަށް ހަމަލާ ދިނުން މެދުކަނޑައިލިމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި ކުރެއްްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ މިހާރުން މިހާރަށް ހަކަތައިގެ ދާއިރާއަށް ހަމަލާ ދިނުން މެދުކަނޑައިލުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި ދެ ޤައުމުން ކުރެ ޤައުމަކުން އެއްބަސްވުން ރޫޅައި ނުލުމަށް ވެސް ޓްރަމްޕް ގޮވާލައްވާފައިވެއެވެ.

ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓާ ގުޅޭގޮތުން ޔޫކްރެއިންގެ އޮފިޝަލަކު ވިދާޅުވީ ޔޫކްރެއިންއަށް ވެސް އެ ޚަބަރު ލިބިފައިވަނީ ޓްރަމްޕް އެ ކަން އިޢުލާނުކުރެއްވުމުން ކަމަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ ކެނެޑާގެ ރައީސް މާކް ކާނޭއާއި ފިންލެންޑްގެ ރައީސް އެލެކްޒެންޑާ ސްޓަބްއާއި ނޭޓޯގެ ސެކެޓްރީ ޖެނެރަލް މާކް ރަޓްއާ ޓްރަމްޕްގެ އިޢުލާނާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ޔޫކްރެއިނުން ހަމަލާތައް މެދުކަނޑައިލުމަށް ޝައުޤުވެރިވާ ކަމަށާއި، ރަޝިއާއިން ވެސް ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ފަރާތުން އިތުރު ތަފްޞީލްތައް ލިބުމަށް އިންތިޒާރުގައި ހުންނެވި ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ޙާލަތު އިތުރަށް ގޯސްވިޔަ ނުދީ، ފުރާނަތައް ރައްކާތެރިކޮށް، ހަނގުރާމަ ހުއްޓާލައި ދާއިމީ ޞުލްޙަ ޤާއިމްކުރުމަށް ޔޫކްރެއިންއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިންއާ ޓްރަމްޕް ވާހަކަ ދައްކަވައި، ރަޝިޔާގެ ޑީސެލް ތެޔޮ ބާޒާރަށް ސަޕްލައިކޮށްދިނުމަށް ނިންމާފައިވާ ކަމަށް އިޢުލާނު ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ނިންމުމަށް ޒެލެންސްކީ ވަނީ ފާޑު ކިޔުއްވައި، އެއީ ހަނގުރާމަ ދިގުަލައިގެން ދިޔުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. ޒެލެންސްކީގެ ފާޑުކިޔުމަށް ރައްދުދެއްވާ ޓްރަމްޕް ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވޭވަރުގެ ލީޑަރެއް ޔޫކްރެއިންއިން އިންތިޚާބުކުރަން ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންއިން ރަޝިއާގެ ތެޔޮ މަރުކަޒުތަކަށް ހަމަލާ ދޭތީ ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ހަކަތައިގެ ދާއިރާއަށް ހަމަލާ ދިނުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމަށް މަގުފަހިވި ގޮތެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އެއްބަސްވުން އިޢުލާނުކުރުމުގެ ކުރިން ޒެލެންސްކީ ދެއްވި ބަސްދީގަތުމެއްގައި ހަކަތައިގެ ދާއިރާއަށް ހަމަލާ ދިނުން ހުއްޓައިލުމަށް ރަޝިއާއިން ބޭނުންވާ ނަމަ އެ ކަމަށް ޔޫކްރެއިންއިން ޝައުޤުވެރިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޔޫކްރެއިންއަށް ހަމަލާ ނުދިނުމަށާއި، ޔޫކްރެއިންގެ ކުޑަކުދިން ނުމެރުމަށް ގޮވާލައްވައި ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންއިން ރަޝިއާގެ ތެލަށް ހަމަލާ ދިނުން ހުއްޓައިލާނެ ކަމަށެވެ.