ޚަބަރު

ޙޫޘީންގެ ހަމަލާތަކުން ޢުމްރާވެރިންނާއި މުސްލިމް ދަތުރުވެރިންގެ ފުރާނަ ނުރައްކަލަށް


ހޫޘީންގެ ހަނގުރާމަވެރިން ރިޔާޟްގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާއަކީ، ސައޫދީ ޢަރަބިއްޔާއާ ދެކޮޅަށް އެ ޖަމާޢަތުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް މުޅީން އައު އަދި ނުރައްކާތެރި މަރުޙަލާއަކަށް ގެންގޮސްފައިވާ ކަމެކެވެ.

މިއީ އެ ޤައުމުގެ އެންމެ މުހިންމު ބައިނަލްއަޤްވާމީ ދޮރާށިތަކުގެ ތެރޭގައި ހިމެނޭ ތަނަކުން ދަތުރުކުރަމުންދިޔަ ޢުމްރާވެރިންނާއި، އާއިލާތަކާއި، ޢާންމު ދަތުރުވެރިންގެ ފުރާނައަށް ނުރައްކާ ކުރިމަތިކުރުވި ބިރުވެރި ޢަމަލެކެވެ.

މި ހަމަލާއާ ގުޅިގެން، މައްކާއާއި މަދީނާއަށް އަމާޒުކޮށް ހޫޘީން މީގެ ކުރިން ދީފައިވާ ހަމަލާތަކަށް އަނެއްކާވެސް ވަނީ އިތުރަށް ސަމާލުކަން ހުއްޓިގެން ގޮސްފައެވެ. މިކަމުން ހާމަވެގެންދަނީ އިސްލާމްދީނުގެ އެންމެ މާތް ދެ ސަހަރާއި، އެތަންތަނަށް ޒިޔާރަތްކުރާ މީހުންނާއި، އަދި އެ ފަރާތްތަކަށް ޚިދުމަތްދޭ ޢާންމު ވަޞީލަތްތައް ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް އެ ޖަމާޢަތުން ތަކުރާރުކޮށް ހިންގަމުންދާ ޢުދުވާނީ ސިލްސިލާއެވެ.

ހަމަލާއަށްފަހު އާންމުވި ވީޑިއޯތަކުން ފެންނަނީ ވައިގެ ބަނދަރުގައި ފުރަން ތައްޔާރުވަމުންދިޔަ ޢުމްރާވެރިންނެވެ. މި ހަމަލާއިން ހާމަކޮށްދެނީ އަޅުކަމަށާއި ދެ ޙަރަމްފުޅަށް ޒިޔާރަތްކުރުމަށް ދަތުރުފަށާފައިވާ ކުށެއްނެތް އާންމު ދަތުރުވެރިންނަށް ކުރިމަތިވި ނުރައްކަލުގެ ސީރިއަސްކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނަށް، ސަޢުދީ ޢަރަބިއްޔާގެ ވައިގެ ބަނދަރުތަކަކީ ހަމައެކަނި ދަތުރުފަތުރުގެ މަރުކަޒުތަކެއްގެ ގޮތުގައި ނުދެކެއެވެ. އެއީ ސައުދީއަށް ދަތުރުކުރާ ޙައްޖުވެރިންނާއި ޢުމްރާވެރިން އަދި އާންމު މުސްލިމުން ބަލައިގަންނަ، މައްކާއާއި މަދީނާގެ ދޮރާށިތަކެވެ.

އެހެންކަމުން، މިފަދަ ތަންތަނަށް ހަމަލާދިނުމުގެ ނަތީޖާއަކީ ހަމައެކަނި ވައިގެ ދަތުރުފަތުރަށް ބުރޫއެރުން އެކަންޏެއް ނޫނެވެ. އެއީ ޢުމްރާވެރިންނާއި ޢާންމުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، މުސްލިމް އާއިލާތަކުގެ ރައްކާތެރިކަން ގެއްލި، އަދި ދީނީ އަޅުކަން އަދާކުރުމަށް ދަތުރުކުރާ މީހުންގެ އަމާންކަން ނަގައިލުމެވެ. ރިޔާޟުގެ ވައިގެ ބަނދަރަށް ދިން މި ހަމަލާއަކީ، ޚާއްސަކޮށް މައްކާއާއި މަދީނާއަށް އަމާޒުކޮށް ހަމަލާދިނުމުގެ ތާރީޚެއް އޮތް ހޫޘީންގެ ދީނީ ހައިޞިއްޔަތާ މެދު ސީރިއަސް ސުވާލުތަކެއް އުފައްދަންޖެހޭ ކަމެކެވެ.

ޙައްޖުވެރިންނާއި ޢުމްރާވެރިން ބޭނުންކުރާ މަދަނީ ވައިގެ ދަތުރުފަތުރުގެ ވަޞީލަތްތަކަށް ހަމަލާދިނުމަށް އެ ޖަމާޢަތުން ފަސްނުޖެހޭ ޖެހުމަކީ، އެމީހުން ބުނާ އިސްލާމީ އުޞޫލުތަކާ ސީދާ އިދިކޮޅު ކަމެއްކަން ހާމަވެއެވެ. އިސްލާމްދީނުގެ އުޞޫލުތަކަކީ ކުށެއްނެތް މީހުންގެ ފުރާނަ ރައްކާތެރިކުރުމާއި މާތްވެގެންވާ އިސްލާމީ ބިންތަކުގެ ޙުރުމަތްތެރިކަން ހިފެހެއްޓުމަށް އެންމެ އިސްކަމެއް ދޭ އުޞޫލުތަކެކެވެ.

މި ހަމަލާތައް ދީފައިވަނީ ޔަމަނުގައި ހޫޘީންގެ ބާރުތަކަށް ބޮޑެތި އަސްކަރީ ފިއްތުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. މިއާއެކު، ހަނގުރާމައިގެ މައިދާނުގައި ލިބެމުންދާ ނާކާމިޔާބީތަކުގެ ތެރޭގައި އެމީހުންގެ ބާރު ދައްކައިލުމަށްޓަކައި ސަޢުދީގެ މަދަނީ ތަންތަނަށް ހަމަލާދެމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އަސްކަރީ ބާރުތަކާ ކުރިމަތިލުމުގެ ބަދަލުގައި، އެ ޖަމާޢަތުން އަދިވެސް ދަނީ ވައިގެ ބަނދަރުތަކަށާއި އެހެނިހެން މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. މީގެ ސަބަބުން އަންހެނުންނާއި، ކުޑަކުދިންނާއި، އަދި ޙައްޖުވެރިންނާއި ޢުމްރާވެރިން ހިމެނޭހެން އެތައް ދަތުރުވެރިންނެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތްތަކަށް ހުށަހެޅެއެވެ.

މިފަދަ ހަމަލާތަކަކީ ޢާންމުންނަށާއި މަދަނީ ތަންތަނަށް ޤަސްދުގައި ހަމަލާދިނުން މަނާކުރާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކަށް ވެސް ސީރިއަސް ގޮންޖެހުމެއްވެސް ކުރިމަތިކުރުވާ ކަމެކެވެ. ދެ ޙަރަމްފުޅުގެ ޚާދިމުގެ ޙައިޞިއްޔަތުން ސަޢުދީ ޢަރަބިއްޔާއަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނާއި ޢުމްރާވެރިން އަދި މުސްލިމުންގެ ރައްކާތެރިކުރުމުގެ ތާރީޚީ ޒިންމާ އުފުލާ ޤައުމެކެވެ. މުސްލިމުންނަށް ރައްކާތެރިކަމާއެކު ދަތުރުކޮށް، އަމާންކަމާއެކު ދީނީ ވާޖިބުތައް އަދާކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި، އެ ޤައުމުން ވަނީ ވައިގެ ދަތުރުފަތުރުގެ ވަޞީލަތްތަކަށާއި، ދަތުރުފަތުރުގެ ނިޒާމުތަކަށާއި، އަދި ސަލާމަތީ ނިޒާމުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. މުސްލިމް ދަތުރުވެރިންނަށް ޚިދުމަތްދޭ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ މި މަސައްކަތަށް ސީދާ ކުރިމަތިކުރާ ގޮންޖެހުމެކެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ތެރޭގައި މުސްލިމުންގެ ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމެކެވެ.

މި ހަމަލާތަކުން ހާމަވަނީ، މަދަނީ ވައިގެ ދަތުރުފަތުރު ރައްކާތެރިކުރުމާއި، މަދަނީ ވަޞީލަތްތަކަށް ހަމަލާދޭ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މުހިންމުކަމެވެ. ސަޢުދީ ޢަރަބިއްޔާއަށް ބަލާއިރު، ދެ ޙަރަމްފުޅާއި އެތަނަށް ޒިޔާރަތްކުރާ މީހުން ޙިމާޔަތްކުރުމަކީ ދުވަހަކުވެސް ބަދަލުނުވާނެ ޤައުމީ ޒިންމާއެކެވެ. ހޫޘީންގެ ފަރާތުން ކުރިމަތިވާ ޢުދުވާނުތަކާ ދެކޮޅަށް، މުސްލިމް ދަތުރުވެރިން ޙިމާޔަތްކުރުމަށާއި، ވައިގެ ބަނދަރުތަކުގެ ސަލާމަތް ކަށަވަރުކުރުމަށާއި، އަދި ޤައުމުގެ އިސްތިޤްލާލު ދިފާޢުކުރުމުގައި އެ ޤައުމު އޮތީ ސާބިތުކަންމަތީގައެވެ.

ރިޔާޟް ވައިގެ ބަނދަރަށް ދިން ހަމަލާތަކާއެކު، އަނިޔާވެރިކަމުގެ އަމާޒަކަށް ދުވަހަކުވެސް ވެގެންނުވާނެ، އީމާންތެރިކަމުގެ ދަތުރެއްގައި ތިބި ކުށެއްނެތް މުސްލިމުންގެ ފުރާނަތައް ނުރައްކަލުގެ ތެރެއަށް ވެއްޓި، ބިރުވެރިކަމާއި ހާސްކަން ވެރިވެގަތް މަންޒަރުތަކަކީ، މުޅި އުއްމަތުގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ފަދަ މަންޒަރުތަކެކެވެ.

ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާގައި މަރުވި މީހުން ތެރޭގައި ޕާކިސްތާނުގެ ރައްޔިތަކު ހިމެނޭކަމަށް ސަޢުދީގެ މަދަނީ އުދުހުންތަކާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ސަޢޫދީގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެއްޖެއެވެ. މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ސަޢުދީއަށް ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާގައި، މިހާތަނަށް 12 މީހުން މަރުވެ، 300އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އީރާންގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން މި ހަފުތާގައި އެ ވައިގެ ބަނދަރަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްޠީން، ސޫރިޔާ، ސޫދާން އަދި މިޞްރު ރައްޔިތަކު ހިމެނެއެވެ. އެ އިދާރާއިން ބުނީ، ޒަޚަމްވި ބައެއް މީހުންގެ ޙާލު ވަރަށް ސީރިއަސް ކަމުގައެވެ.

އަނިޔާވި މީހުންގެ ތެރޭގައި އެހެން ޤައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭއިރު، އެ މީހުންނަށް ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ވަނީ ގެންދެވިފައެވެ.

މީގެ އިތުރުން، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ހަމަލާގައި ލިބުނު ގެއްލުންތައް ވަޒަންކުރުމާއި ވައިގެ ބަނދަރުގެ ވަޞީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ހަމަލާގެ ޒިންމާ ޙޫޘީން ރަސްމީކޮށް އުފުލާފައި ނުވި ނަމަވެސް، ސަޢޫދީ އަސްކަރީ އިއްތިޙާދުން ވަނީ މިއަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު ދީފައެވެ.

މިއީ ފެބުރުވަރީ މަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމެކެވެ. 2015 ވަނަ އަހަރު ސަޢޫދީން ޔަމަނުގެ ހަނގުރާމައަށް ވަދެ، ޞަންޢާއިން ޙޫޘީން ބޭރުކުރަން ފެށި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ. 2022 ގެ އެއްބަސްވުން މި ހޫނުމޫސުމުގައި ރޫޅުމާއެކު، ޙޫޘީން ވަނީ ބާބް އަލް-މަންދަބް ކަނޑުއޮޅި އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ސަޢޫދީގެ މަދަދު ލިބޭ ޔަމަނުގެ ސަރުކާރުން އެ ސަރަޙައްދު މިނިވަންކުރަން އޮޕަރޭޝަނެއް ފަށާފައިވާއިރު، ޙޫޘީން ވަނީ ޔަމަނުގެ ތަޢިއްޒު ޙިޞާރުކޮށްފައެވެ.