އިންގްލިޝް ޕްރިމިއަރ ލީގުގައި ކޮވެންޓްރީ ސިޓީ އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗު ކޮވެންޓްރީން ކާމިޔާބު ކޮށް ފުރަތަމަ ފަހަރަށް މިސީޒަންގައި އަމިއްލަ ދަނޑުގައި މޮޅުވެއްޖެއެވެ.
ކޮވެންޓްރީ ބިލްޑިންގ ސޮސައިޓީ އެރީނާގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް 4 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލް އިންނެވެ. ނަމަވެސް މިމެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިނފާ ކޮވެންޓްރީންވަނީ ނިއުކާސްލް ސިއްސުވާލައިފައެވެ. އަދި މިމެޗުގެ ފެށުން ދިޔައީ ކޮވެންޓްރީން އެންމެ ބޭނުންވިގޮތަށެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު 6 ވަނަ މިނެޓުގައި ނަގާފައިވަނީ ކޮވެންޓްރީންނެވެ. މިލަނޑަކީ ނިއުކާސްލްގެ ކީޕަރ ލޫކަސް ހޯނިއެކް ކޮވެންޓްރީގެ ސިޑީކީ ޗެރިފްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީ ކޮވެންޓްރީއަށް މެޗުގައި ލީޑު ނަގައިދިނީ ޖެކް ރުޑޯނީއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހަނެ ރަނގަޅު ފުރުސަތު ދެޓީމުންވެސް ތަނަވަސްކުރިއެވެ.
މިމެޗުގައި ކޮވެންޓްރީން އެޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގެ ކުރީކޮޅުއެވެ. މިލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ކާމިޔާބު ކޮށްފައިވަނީ ޗެރިފްއެވެ. މިމެޗުގައި ނިއުކާސްލް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ސުވެން ބޮޓްމަންއެވެ. މިމެޗުގައި ކޮވެންޓްރީގެ 3 ވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އެލިސް ސިމްސްއެެވެ. އަދި ފަހު ލަނޑު އޭގެ 5 މިނެޓް ފަހުން ކާމިޔާބު ކޮށްދިނީ ސްޓެފަން އެމްފޫނީއެވެ. މިމެޗުގައި ނިއުކާސްލް އިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް އެޓީމަށް ކޮވެންޓްރީގެ ޑިފެންސް ފޫއަލުވާލުމުގައި އުނދަގޫ ތަކަކާއި ކުރިމަތިވިއެވެ.
މިއީ މިސީޒަންގައި ކޮވެންޓްރީން ކާމިޔާބު ކުރި ދެވަނަ މެޗެވެ. އަދި މިކާމިޔާބީ އާއެކު އެޓީމު މިހާރުވަނީ ރެލިގޭޝަން ސަރަހައްދުން މިވަގުތަށް ދުރައް ޖެހިލާފައެވެ. އެޓީމު މިހާރު ވަނީ 6 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ނިއުކާސްލް އުޅެނީ 8 ޕޮއިންޓާއެކު ތަވަލްގެ 11 ވަނައިގައެވެ.