ޚަބަރު

އަހަރު ނިމޭއިރު ރޭންކިންގެ އެއްވަނައަށް ޒުވަރޭވް އަރާނެކަން ކަށަވަރުވެއްޖެ


  • ޒުވަރޭވްއަށް މިކަން ކަށަވަރުވީ ކާލޯސް އަލްކަރަޒް ޝެންހާއީ މާސްޓަރސްގައި ބަލިވުމުން

މިއަހަރު ނިމޭއިރު ދުނިޔޭގެ ރޭންކިންގގެ އެއްވަނައަށް ޖަރުމަނުވިލާތުގެ އެޖެގްޒެންޑަރ ޒުވަރޭވް އަރާނެކަން ކަށަވަރުވެއްޖެއެވެ.

މިއަހަރުގެ ސީޒަންގެ ބާކީއޮތް ބައިގާ ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނަރއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ކަށަވަރުވުމާއެކު ރޭންކިންގގެ އެއްވަނައަށް މިވަގުތު ދެވަނައިގައި އުޅޭ ޒުވަރޭވްއަށް އެރޭނެކަމަށް އޮތީ ގަބޫލް ކުރެވިފައެވެ. ނަމަވެސް އޭނާއަށް އެކަން ވުމަށް އޮތް ފުރުސަތު ހުއްޓުވުމުގެ ހަނި ފުރުސަތެއް ސްޕެއިންގެ ކާލޯސް އަލްކަރާޒް އަށް އޮތް ނަމަވެސް ޝެންހާއީ މާސްޓަރސްގެ ތިންވަނަ ބުރުން އަލްކަރާޒް ބަލިވުމުން ޒުވަރޭވްއަށް އޮތް އެހުރަސް މިހާރުވަނީ ނެތިގެން ގޮސްފައެވެ. މިއާއެކު ޒުވަރޭވްއަށް މިކަން ވުމަށް ހުރަސްއެޅޭނެ އެހެން ކުޅުންތެރިޔަކު ނެތެވެ.

ޒުވަރޭވް ބުނީ މިސީޒަންވެފައިވަނީ އޭނާއަށް ވަރަށް ކާމިޔާބު ސީޒަނަކަށް ކަމަށާއި އަދި އަހަރު ނިމޭއިރު ރޭންކިންގގެ އެއްވަނައަށް އެރޭނެކަން ކަށަވަރުވުން މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. ގްރޭން ސްލޭމް ފައިނަލްގައި ވާދަކުރި ފުރަތަމަ ތިން ފަހަރު ނާކާމިޔާބީ އާއި ކުރިމަތިލާފައިވާ ޒުވަރޭވްއަށް އެންމެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ މިއަހަރުގެ ފްރެންޗް އޯޕަންގައެވެ. އަދި އެއަށްފަހު ވިމްބަލްޑަންގެ ފައިނަލަށް ދަތުރު ކުރި ނަމަވެސް އެފައިނަލްގައިވަނީ ސިނަރ އަތުން ބަލިވެފައެވެ. ޖެހިގެން އައި އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޫއެސް އޯޕަން ކާމިޔާބުކޮށް އެމުބާރާތުގެ ތަށި އުފުލާލުމާއެކު އޭނާ މިސީޒަން ނިންމާލާނީ ގްރޭން ސްލޭމް ދެ ތަށްޓާއެކުއެވެ. އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒްއެވެ.

ޒުވަރޭވްއަށް މިއަހަރަކީ ކާމިޔާބު އަހަރަކަށް ވުމުގައި ސިނަރ އާއި އަލްކަރާޒްއަށް މިސިޒަންގައި ލިބިގެންދިޔަ އަނިޔާ ބޮޑު ދައުރެއް އަދާކުރިއެވެ. މިގޮތުން އަހަރުގެ ކުރީކޮޅު އަލްކަރާޒްއަށް ބޮޑު އަނިޔާއެއް ލިބި ގިނަ ދުވަސްތަކަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވީއިރު ސިނަރއަށް ވިމްބަލްޑަންގައި ލިބިގެންދިޔަ އަނިޔާއަށްފަހު އޭނާއަށް މިސީޒަންގެ ބާކީ އޮތްބައިގާވަނީ ކުޅެވޭގޮތް ނުވެފައެވެ.

ޒުވަރޭވްއަށް ސިނަރ ފަހަތަށް ޖައްސާލާ ދުނިޔޭގެ ރޭންކިންގގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެންމެ އަވަހަށްވެސް ލިބިގެންދާނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހަށް ފަހުއެވެ. އޭނާ ވެގެންދާނީ ފުރަތަމަ ފަހަރަށް ރޭންކިންގގެ އެއްވަނައަށް އަރާ އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.