ޚަބަރު

ޗައިނާ މުބާރާތުގައި ވެސް ފުޓްސަލް ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް


  • ފާރޫކް ވަނީ ދިވެހި ފުޓްސަލްއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައި

  • ރާއްޖެއަށް ރަން ކާމިޔާބީ ހޯދައިދިން ފުޓްސަލް ޓީމުގެ ކޯޗަކީ ފާރޫކް

އަންނަމަހު ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ވާދަކުރާ ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތުގައި ޓީމަށް އިރުޝާދު ދިނުމުގެ ޒިންމާ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެއަށް ހޯދައިދިން އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވްއާ ހަވާލުކޮށްފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޗު ފާރޫކް ޤައުމީ ކޯޗުކަމާ ހަވާލުވި ނަމަވެސް، ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިއެއް ނުވާނެއެވެ. ކޯޗު ޓީމާ ގުޅޭނީ ޗައިނާއިންނެވެ.

މުޅި ފުޓްސަލް ކޮމިއުނިޓީއާއި ކުޅިވަރު އެނަލިސްޓުން ސިފަކުރާ ގޮތުގައި، ފާރޫކް ރާއްޖޭގެ ފުޓްސަލް ޓީމާ ހަވާލުވިފަހުން، ޓީމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ޓީމު ބަދަހިކޮށް، ޓީމެއްގެ ގޮތުގައި ކުޅުވައި، ޓެކްނިކަލީ މޮޅު ޓީމެއް އޭނާ ބިނާކުރިއެވެ.

ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލިއެވެ. ސަރަހައްދީ 7 ގައުމަކުން ބައިވެރިވި މި މުބާރާތުގެ ރަން މެޑަލް ރާއްޖެއިން ހޯދީ ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުއެވެ.

ފާރޫކްގެ އިރުޝާދުގެ ދަށުން ކުޅުނު ރަސްމީ ހުރިހާ މެޗަކުން ރާއްޖެ މޮޅުވުން މިއީ، އޭނާއާ ޙަވާލުކުރި މަސްޢޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރިކަމުގެ ހެއްކެކެވެ.

ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ކޯޗު ފާރޫކް ހުރީ އުޒްބެކިސްތާނުގެ ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގައެވެ. މިދިޔަ އަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދިނީވެސް ފާރޫކެވެ. އޭގެ އިތުރުން އެ ގައުމުގެ ފުޓްސަލް ލީގުގައި ވާދަކުރާ ޓީމެއް ކަމަށްވާ ނެފްޗީ ފުޓްސަލް ކުލަބުގެ ކޯޗަކީވެސް ފާރޫކެވެ.

ފާރޫކް ވަނީ އުޒްބެކިސްތާނުގެ ޤައުމީ ފުޓްސަލް ޓީމަށް 2001 އިން 2008 އަށް ކުޅެފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ކޯޗަކަށް ފާރޫކް ހަމަޖެއްސިއިރު އެއީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް ބޭރު ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ޗައިނާގައި އޮންނަ ފުޓްސަލް މުބާރާތުގައި ރާއްޖެއިން ބައިވެރިވާއިރު މި މުބާރާތުގައި ބައިވެރިވަނީ ޖުމްލަ ހަތަރު ގައުމެވެ. އެއީ ރާއްޖެއާއި ޗައިނާގެ އިތުރުން ހޮންގް ކޮންގާއި ސައުތު ކޮރެއާއެވެ.

މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 4 އިން 9 އަށެވެ.