ޚަބަރު

"އިޤްތިޞާދީގޮތުން ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމަށް ރާއްޖެ އޮތީ ތަައްޔާރަށް"


  • މާލީ އިދާރާތަކުން އެހީތެރިކަން ހޯދުމަށް ދަނީ މަޝްވަރާކުރަމުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީގޮތުން ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހެ ވަޒީރު ހަސަން ޒަރީރު މިހެން ވިދާޅުވީ ރޮއިޓާސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދަށް ކޮންމެވެސް ވަރަކަށް އަސަރުކުރަމުންދާއިރު، ތެޔޮ ގަންނަން ކުރާ ޙަރަދު އިތުރުވުމުގެ ސަބަބުން އިޤްތިޞާދީގޮތުން ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުންވެސް ދަނީ މިފަދަ ހާލަތެއް ތަހައްމަލުކުރަމުންނެވެ.

ރޮއިޓަސްއަށް ދެއްވި އިންޓަރވިއުއްގައި މާލީ ވަޒީރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށާއި، ނަމަވެސް އެކަންކަމުން އަރައިގަތުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުންފަދަ ފިޔަވަޅުތަކާއި މާލީ ދާއިރާއިން އަޅަންޖެހޭ އެހެނިހެން ފިޔަަވަޅުތައް އަޅުއްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އިތުރުން، މިހާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީވެސް ބޭނުންވާކަމަށެވެ. އެގޮތުން ވޯލްޑް ބޭންކާއި އެހެނިހެން މާލީ އިދާރާތަކުން އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު އަންނަ އަހަރު އިޤްތިޞާދީ ކުރިއެރުން 3.8 އިންސައްތައަށް ކުރިއަށް ޖެހޭނެކަމަށާއި، އަދި 2028 ވަނަ އަހަރު އިޤްތިޞާދީ ކުރިއެރުން ހުންނާނީ 6.8 އިންސައްތައިގައިކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް %33 އަށް ފުޅާކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުމަކީވެސް އަމާޒެކެވެ.

މި އަމާޒުތަކަށް ވާސިލްވުމަށް ވޯލްޑް ބޭންކުން ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް 250 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވެއެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނާ އެކު މިދިޔަ މަހު ވަނީ 5 އަހަރުގެ 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއް އެކުލަވާލާފައެވެ.