ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގަލަތަސަރާއީ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު ފަހަތުން އަރާ މެޗު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ތުރުކީގެ އިސްތަންބޫލުގައި 49 ހާހަހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ގަލަތަސަރާއީ އިންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސޭ ބަޓްރަކޯޗް އެވެ.
ގަލަތަސަރާއީ އިން ލަނޑު ޖަހާ ލީޑު ނެގިތާ ހަ މިނިޓު ފަހުން އެ ޓީމުގެ ބަރިސް އަލްމާ ޔިލްމާޒް ވަނީ އިތުރު ލަނޑެއް ޖަހި ނަމަވެސް ގިނައިރުތަކެއް ވަންދެން ވީޑިއޯ ބެލުމަށްފަހު ރެފްރީވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
ބާސެލޯނާއިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން 2 މިނިޓަށް ވެފައިވަނިކޮށް ޖޮއާއޯ ކެންސެލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ލަމީން ޔަމާލް ދިން ޕާހަކުން ފާމިން ލޮޕޭޒް ވަނީ ލަނޑެއް ޖަހާ މި މެޗުގައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ލަމީން ޔަމާލްގެ އިތުރު އެސިސްޓަކުން އެންތޮނީ ގޯޑަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.
ބާސެލޯނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ކަރީމް އަޑެޔޭމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާއަށް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 2 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފައެވެ. ބާސެލޯނާގެ އިތުރުން ސްޕޯޓިން އާއި އާސެނަލްއަށްވެސް 6 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.