ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ނޯވޭގެ ވައިކިންގުން ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން އަދި މިމުބާރާތް 6 ފަހަރަށް ކާމިޔާބު ކޮށްފައިވާ ބަޔާން މިޔުނިކަށް މޮޅުވެވުނަނުދީ ހިފަހައްޓާލައިފިއެވެ.
ވައިކިންގުގެ ލީސެ އެރީނާގައި ކުޅުނު މިމެޗު ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގައި ބަޔާންއަށް ވައިކިންގުގެ މައްޗަށް ކުރި ހޯދޭގޮތެއް ނުވިއެވެ. އަދި މިމެޗު ފޯރިއާއެކު ފެށިތަން ފެނިގެންދިޔައީވެސް ވައިކިންގުގެ ފަރާތުންނެވެ. މިގޮތުން މެޗުގެ 2 ވަނަ މިނެޓުގައި ވައިކިންގުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާ ބަޔާން ހައިރާން ކޮށްފައެވެ. މިލަނޑު ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްދިނީ ޖިއާނީ ސްޓެންސްނަސްއެވެ. އަދި މިމެޗުގައި ދެން ލަނޑެއް ފެނިގެންދާނީ ބަޔާންގެ ފަރާތުން ކަމަށް ހީވެގެންދިޔަ ނަމަވެސް އަނެއްކާވެސް މިމެޗުގައި ފެނިގެންދިޔައީ ވީކިންގއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގައި 2 ލަނޑުގެ ލީޑެއް ބަޔާންގެ މައްޗަށް ނެގި ތަނެވެ. މިލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕީޓަރ ކްރިސްޓިއަންސެންއެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ބަޔާންއަށް ލިބިގެންދިޔަ ހައިރާން ކަމުން އަރައިގަނެ ދެވަނަ ހާފަށް އެޓީމުން ނިކުތީ އާހިތްވަރަކާއެކު ވީކިންގގެ އަތުން ބަލިވުމުގެ ލަދުން ސަލާމަތްވުމުގެ އުންމީދާއެކުއެވެ. މިގޮތުން މެޗުގެ 54 ވަނަ މިނެޓްގައި ބަޔާން އަށް ލިބިގެންދިޔަ ޕެނަލްޓީ އަކުން ހެރީ ކޭން ވަނީ ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްދީފައެވެ. އަދި މިލަނޑު ޖެހިތާ 6 މިނެޓް ފަހުން ކޭންވަނީ ދެވަނަ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިދެލަނޑާއެކު ކޭން މިވަނީ އޭނާގެ އުމުރުން 30 އަހަރު ފުރުނުފަހުން ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 40 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ.
މިމެޗުގައި ބަޔާންގެ ތިންވަނަ ލަނޑު ޖަހާ މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމުން މެޗުގެ ލީޑު ނަގާފައިވަނީ 71 ވަނަ މިނެޓްގައި ލުއިސް ޑިއާޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް މިލަނޑު ޖަހާ ބަޔާން އިން ލީޑު ނެގިތާ 2 މިނެޓް ފަހުން އެޓީމުގެ މައިކަލް އޮލީސޭއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމާއެކު މެޗުގެ އޮއެވަރު އަނެއްކާވެސް ވީކިންގ އާއި އެއްކޮޅަށް ބަދަލުވެގެންދިޔައެވެ.
އޮލީސޭއަށް ދެއްކި ރަތްކާޑަށްފަަހު މޮޅަށް ކުޅުނު ތަން ފެނިގެންދިޔައީ ވައިކިންގުގެ ފަރާތުންނެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ހާމަން ހައުގެން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ވީކިންގގެ ކެޕްޓަން ޒުލަޓްކޯ ޓްރިޕިޗް ބުނީ އޭނާއަށް އިތުރު 90 މިނެޓްގައިވެސް ކުޅެވިދާނެ ކަމަށާއި މިމެޗުން ހޯދުނު ނަތީނާ އާމެދު އޭނާ މިހުރީ ވަރަށް އުފާވުމުގެ އިތުރުން ފަހުރުވެރިވެފައިކަމަށެވެ. އަދި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ބަޔާން އާއި ދެކޮޅަށް ކުޅެ 2 ލަނޑުގެ ލީޑެއް ނެގުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި މިމެޗުގައި ވައިކިންގުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު އަދި އޭހާމެ ހިތްވަރު ގަދަ ކުޅުމެއް ކަމަށެވެ.
މިއީ 1992-1993 ވަނަ އަހަރުގެ ސީޒަނަށްފަހު މިމުބާރާތުގައި ވީކިންގ ވާދަކުރާ ފުރަތަމަ ފަހަރެވެ. ނޯވޭ ލީގުގައި ވައިކިންގު އުޅެނީ މިދިޔަ ސީޒަންގައި މިމުބާރާތުގައި ގިނަ ބަޔަކު ސިއްސުވާލި ނަތީޖާ ތަކެއް ނެރުނު ބޯޑޯ ގްލިމްޓް އާއި އެކު ތާވަލްގެ އެއްވަނައިގައެވެ.
މިމެޗު އެއްވަރު ވުމުން ބަޔާން އުޅެނީ 2 މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. އަދި ވީކިންގ އުޅެނީ މިސީޒަންގައި ލިބިގެންދިޔަ ފުރަތަމަ ޕޮއިންޓާއެކު ތާވަލްގެ 26 ވަނައިގައެވެ.