އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އެއްބަސްވެފައިވާ މިންވަރަށްވުރެ ވެސް އިތުރަށް، ދުނިޔޭގެ ބާޒާރަށް ޑީސަލް ފޯރުކޮށްދިނުމުގެ ޤާބިލުކަން އެބަހުރި ކަމަށް ރަޝިއާއިން ހާމަކޮށްފައިވާއިރު، ޔޫކްރެއިނާ ގުޅުވައިގެން އެމެރިކާ އާއި ވިލާތުގެ އެހެން ބޮޑެތި ޤައުމުތަކާމެދު އުފެދިފައިވާ ޚިލާފުތައް އިތުރަށް ފުޅާވެއްޖެއެވެ.
ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑަރ ނޯވެކް ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިން ވެސް ހުރި މިންވަރަށް، މި އަހަރު ނިމޭއިރު މަހަކު 3.5 މިލިއަން ޓަނުގެ ޑީސަލް ބާޒާރަށް ނެރުމުގެ އަމާޒަށް ވާސިލްވެވިދާނެ ކަމަށެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު މަޝްވަރާ ކުރައްވާފައިވާއިރު، އެއްބަސްވުމުގައިވާ ގޮތުން އޮކްޓޯބަރު މަހު 300,000 ޓަނު، ނޮވެމްބަރު މަހު ބައި މިލިއަން ޓަނު، އަދި ޑިސެމްބަރު މަހު އެއް މިލިއަން ޓަނުގެ ޑީސަލް ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން ޓްރަމްޕް މީސް މީޑިއާގައި ވިދާޅުވީ، އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ޑީސަލްގެ އަގު ވަރަށް އަވަހަށް ރެކޯޑް މިންވަރަކަށް ދަށަށްދާނެ ކަމަށެވެ.
ނަމަވެސް، ހަކަތައިގެ ދާއިރާގެ މާހިރުން މިކަމާމެދު ސުވާލު އުފައްދަވައެވެ. އަދި މި ނިންމުމުގެ ސަބަބުން ޔޫކްރެއިން ހަނގުރާމައާ މެދު އެމެރިކާ އާއި ވިލާތުގެ އެހެން ބޮޑެތި ޤައުމުތަކާ ދެމެދު އޮތް ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފައެވެ. 'އިންސްޓިޓިއުޓް އޮފް އެނަރޖީ ފޯ ސައުތު-އީސްޓް ޔޫރަޕް'ގެ އެގްޒެކެޓިވް ޑިރެކްޓަރ ކޮސްޓީސް ސްޓަމްބޮލީސް ސިފަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ސިޔާސީ ގޮތުން ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިތުރަށް އެކަހެރިކޮށްލުމަށް އެޅި ފިޔަވަޅެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރަޝިއާއިން މަހަކު 5.8 މިލިއަން ޓަނުގެ ޑީސަލް އުފެއްދި ނަމަވެސް، އެކްސްޕޯޓް ކުރެވެން ހުންނާނީ ގާތްގަނޑަކަށް 2 މިލިއަން ޓަނެވެ.
މި އެއްބަސްވުމާއެކު ޔޫރަޕުން ވަނީ ޔޫކްރެއިނަށް އޮތް ތާޢީދު އިތުރަށް ވަރުގަދަކޮށްފައެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސް އޫރްސަލާ ވަންޑެލަޔަން ވިދާޅުވީ، މި ހަފްތާގައި ބާއްވާ ޔޫރަޕިއަން ކައުންސިލްގެ ސަމިޓުގެ އެންމެ މުހިންމު ވާޖިބަކީ ޔޫކްރޭންގެ ދިފާޢީ ޚަރަދުތައް ހަމަޖެއްސުން ކަމަށެވެ. މީގެ އިތުރުން ފިންލެންޑުގެ ޚާރިޖީ ވަޒީރު އެލީނާ ވަލްޓޮނެން ވަނީ ރަޝިއާގެ ރައްޔިތުންނަށް ޓޫރިސްޓް ވިސާ ދޫކުރުން މަނާކުރުމަށް ގޮވާލައްވައިފައެވެ.
ސްޓޮމްބޮލީސް އިތުރަށް ވިދާޅުވި ގޮތުގައި، ތިމާވެށީގެ ހަރުކަށި ޤަވާޢިދުތަކުގެ ސަބަބުން ފާއިތުވި 15 އަހަރު ތެރޭ ޔޫރަޕްގެ 30 ތެޔޮ ސާފުކުރާ ކާރުޚާނާ ބަންދުކޮށްފައިވުމުން، އެ ސަރަޙައްދަކީ ތެލުގެ އަމިއްލަ ފުދުންތެރިކަން ނެތް ސަރަޙައްދެކެވެ. އަދި ޓްރަމްޕް މި ބޭނުންކުރައްވަނީ ޔޫރަޕްގެ މި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ކަމަށާއި، މީގެ ސަބަބުން އެމެރިކާ އާއި ޔޫރަޕްގެ ގުޅުން އިތުރަށް ހީނަރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާގެ ތެލުގެ އުފެއްދުންތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޭޕްރީލް 2027 އާ ހަމައަށް ލުއިކޮށްދިނުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމާ މެދު ޒެލެންސްކީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޒެލެންސްކީ ވިދާޅުވީ ޕޫޓިންއަށް ދޫދިނުމަކީ ސުލްޙަ ގެނުވާނެ ކަމެއް ނޫން ކަމަށާއި، އެއީ ބަލިކަށިކަމުގެ ނިޝާނެއް ކަމަށެވެ. އަދި ރަޝިއާގެ ތެޔޮ ކާރުޚާނާތަކުގެ ދެބައިކުޅަ އެއްބައި ސުންނާފަތިކޮށްލުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް މީގެ ސަބަބުން ހުރަސްއެޅޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ޓްރަމްޕް ވަނީ ޒެލެންސްކީއަށް ވަރަށް ހޫނު ރައްދެއް ދެއްވައިފައެވެ. އެމެރިކާގެ ދަނޑުވެރިންނަށް ދަތިކުރުމުގެ ވިސްނުމެއް ޒެލެންސްކީ ގެންގުޅުއްވާ ކަމަށް ތުހުމަތުކުރައްވައި، ޔޫކްރެއިނަށް އައު ރައީސަކު ބޭނުންވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަނެއްކޮޅުން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް ވެސް ވަނީ ޒެލެންސްކީއަށް އެއްވެސް ލުޔެއް ޙައްޤުނޫން ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބު އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ތެލުގެ އަގު ކޮންޓްރޯލް ކުރެއްވުމަށް ޓްރަމްޕް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމެރިކާގެ ހަކަތައާބެހޭ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ބާޒާރުގައި ޑީސަލްގެ އަގު ވަނީ 78 އިންސައްތަ އުފުލި، 6.19 ޑޮލަރަށް އަރައިފައެވެ. އަދި ޕެޓްރޯލްގެ އަގު ވެސް ވަނީ 4.15 ޑޮލަރަށް އުފުލިފައެވެ.
ކޭމްބްރިޖް ޔުނިވަރސިޓީގެ މާހިރެއް ކަމަށްވާ ވިކްޓޯރިއާ ވްޑޮވިޗެންކޯ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕް ގެންގުޅުއްވަނީ ސިޔާސީ ގޮތުން ފުށުއެރުންތައް ގިނަ، ހަމަހަމަކަމެއް ނެތް ސިޔާސަތެކެވެ. މާހިރުން ދެކޭގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އަގުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، ތެލުގެ އަގު ހެޔޮވުމަށް އެންމެ ބޮޑު ބާރަކަށް ވާނީ ރިޒާވުން 100 މިލިއަން ފީފާ ތެޔޮ ދޫކުރުމަށް ޖީ7 އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުން ނިންމި ނިންމުމާއި، ބާކީ ހުރި 80 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމެވެ.