ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ ފޯރަމް އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގެ 17ވަނަ ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ފޯރަމް ކުރިއަށް ދިޔައީ، މިމަހުގެ 11ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައެވެ. މި ފޯރަމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ، ސްޓޭޓް މިނިސްޓަރ ޑރ.މުއާވިޔަތު މުޙައްމަދުއެވެ.
އެނަރޖީ ފޯރަމްއަކީ، ހަކަތައިގެ ދާއިރާ ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބާއްވާ އެންމެ ބޮޑު އެއް ފޯރަމްއެވެ.
މި ފޯރަމުގައި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ޚިދުމަތްދޭ ފަރާތްތަކުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
އަދި ޚާއްސަކޮށް ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް ކަރަންޓު އުފެއްދުމަށް ބާރުއަޅާ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވޭނެ ގޮތްތަކަށްވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެއިތުރުން ދެމެހެއްޓެނިވިގޮތެއްގައި، ދުރުރާސްތާއަށް ވިސްނައިގެން މި ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމާއި މާލީ އެހީ އިތުރުކުރެވޭނެ ގޮތްތައްވެސް ބައްދަލުވުމުގައި ހިޔާލު ހުށައަޅާފައިވެއެވެ.
އަދި ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމާއި، ޚިދުމަތް ހޯދުމުގައި ހަމަހަމަކަމާ ފަސޭހަކަމާއެކު ލިބޭނެ ގޮތްތަކަށްވެސް އަލިއަޅުވާލާފަވެއެވެ.
މި ބައްދަލުވުމުގެ ސަބަބުން، ރާއްޖޭގެ ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ގިނަ ޚިޔާލުތަކާއި މަޝްވަރާތަކެއް ގެންދެވުނުކަން ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ވަކިވަކި ރަށްތަކެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދިފައިވުމަކީ ކަރަންޓުގެ ޚިދުމަތް ދިނުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ނަމަވެސް ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ކަރަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަސީލަތްތައް ޤާއިމުކުރުމާއި އަދި އިއާދަކުރަނިވި ހަކަތައަށް ބޮޑު ހޭދައެއް ދަނީ ކުރަމުންނެވެ.
ސަރުކާރުގެ ޢަމާޒަކީ 2028ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޢާދަކުރަނިވި ހަކަތައިގެ ނިސަބަތް %33އަށް ބަދަލުކުރުމެވެ.