ދައުލަތުގެ މުއައްސަސާތަކާބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކުރައްވައިފިއެވެ.
މި ޑިރެކުޓަރީއަކީ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކުޓަރީއެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީގެ ވެބްސައިޓުގެ އެޑުރެހަކީ directory.presidency.gov.mv އެވެ.
މި ޑިރެކުޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކުޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން، އެ މުއައްސަސާގެ އިސް ވެރިޔާގެ ގޮތުގައި އެ މުއައްސަސާއަކުން ކަނޑައަޅާ ފަރާތުގެ ނަމާއި މުއައްސަސާގެ އެޑްރެހާއި މުއައްސަސާއަކާއި މުވާސަލާތުކުރެވޭނެ ގޮތް ނުވަތަ މުއައްސަސާގެ މީސްވިއުގަ ލިންކުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ މުއައްސަސާއަކުން ޑިރެކުޓަރީގެ ވެބްސައިޓުގައި، މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު ނުވަތަ އީމޭލު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެ ކަމެއް ހުށަހަޅުއްވަންވާނެއެވެ.
މީގެއިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާތަކާއި، މައުލޫމާތު އެއްކޮށް، ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް، ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔާނީ، މި ޑިރެކުޓަރީގައިވާ ގޮތަށް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.