ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަނީ މޫސުމީ ވިއްސާރަކަމަށެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވަނީ މޫސުން ގޯސްވެފައެވެ. ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ވައިގެ ބާރުމިން އާއްމުގޮތެއްގައި އުޅޭނީ 5 މޭލާ 15 މޭލާ ދެމެދުއެވެ. ވަޔާއި ކަނޑުތައް އާއްމުގޮތެއްގައި މަޑުވާނެއެވެ. ނަމަވެސް ވިލާގަނޑުގައި 35 މޭލަށް ވައި ބާރުވެ ކަނޑުތައްވެސް ގަދަވާނެއެވެ.
މެޓް އޮފީހުން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާތަ އަންނަ ހަފްތާއަށްވެސް ދެމިގެންދާނެކަމަށް ފެންނަކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ.