2 ރަށެއްގައި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު، ބަދަހި އިންވެސްޓްމަންޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްގެން ފުޓުބޯޅަ ދަނޑު ތަރައްގީކުރަން ނިންމާފައި ވަނީ ފ. މަގޫދޫގައި އާއި އއ. ފެރިދޫގައެވެ.
މި 2 ރަށުގައި ފުޓުބޯޅަ ދަނޑު ތަރައްގީކުރަން ބަދަހި އިންވެސްޓްމަންޓާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒްއެވެ. އަދި ބަދަހި އިންވެސްޓްމެންޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޝިއުސް ފަރީދުއެވެ.
މި އެއްބަސްވުމުގެ ދަށުން 2 ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ފެރިދޫގައި ގާއިމްކުރާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ 6،740،307.37ރ (ހަ މިލިއަން ހަތްލައްކަ ސާޅީސްހާސް ތިންސަތޭކަ ހަތްރުފިޔާ ތިރިސް ހަތްލާރި) އަށެވެ. އަދި މަގޫދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 8،799،246ރ (އަށް މިލިއަން ހަތްލައްކަ ނުވަދިހަނުވަހާސް ދުވިސައްތަ ސާޅީސް ހަ ރުފިޔާ) އަށެވެ.
އެހެންކަމުން މި ދެ މަޝްރޫޢުގެ ޖުމްލަ އަގު، 15,539,553.37 (ފަނަރަ މިލިއަން ފަސްލައްކަ ތިރީސް ނުވަހާސް ފައްސަތޭކަ ފަންސާސް ތިން ރުފިޔާ، ތިރީސް ހަތް ލާރި) އަށް އަރައެވެ.
ކުޅިވަރު ލާމަރުކަޒީކޮށް، އަތޮޅު ތެރޭގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތަކުގެ އިތުރުން އެހެން ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަކީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުރާ މުހިންމު މަސައްކަތްތަކެކެވެ.