ރޮމޭނިއާގެ ކަނޑުގެ ސަރަޙައްދުގައި ދެ ކެމިކަލް ޓޭންކަރެއްގައި ރޯވެ ހަތް ފަޅުވެރިން ގެއްލުމުން އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ކެމިކަލް ޓޭންކަރުތަކުގައި ރޯވެފައި ވަނީ ރަޝިއާގެ ޑްރޯންތަކެއް ރޮމޭނިއާގެ ވައިގެ ސަރަޙައްދަށް ވަދެފައި ވަނިކޮށެވެ. ނަމަވެސް އެ އުޅަނދުތަކުގައި ރޯވީ ސީދާ ރަޝިއާގެ ޑްރޯންތަކުގެ ސަބަބުން ކަމަށް ރޮމޭނިއާގެ އިދާރާތަކުން ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ހާދިސާ ހިނގާފައި ވަނީ ފާއިތުވި 10 ދުވަހުގުެ ތެރޭގައި ރޮމޭނިއާގެ އައްސޭރިފަށާއި ނޭޓޯގެ މެންބަރު ޤައުމެއް ކަމަށްވާ ބަލްގޭރިއާ ކައިރިން ދަތުރުކުރި ފަސް އުޅަނދަކަށް ވެސް ޑްރޯން ހަމަލާތަކެއް އަމާޒުވެފައި ވަަނިކޮށެވެ. އެ ހަމަލާތަކުގައި 23 ފަޅުވެރިއަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އެންމެ ފަހުގެ ހާދިސާއާ ޚިލާފަށް އެ ހަމަލާތައް ދީފައި ވަނީ ނޭޓޯގެ ކަނޑުގެ ސަރަޙައްދުން ބޭރުގައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާ ދެ އުޅަނދު އޮތީ ބްލެކް ސީއިން ޑަންޔޫބް ކޯރަށް ވަނުމަށް އޮންނަ ސަރަޙައްދާ ކައިރީގައި އަޅާފައި އޮއްވައެވެ. ރަޝިއާއާއި ޔޫކްރެއިން ހަނގުރާމަ ކުރަމުންދާ މި ޙާލަތުގައި އެ މަގަކީ ޔޫކްރެއިންއިން ވަރަށް ގިނައިން ބޭނުންކުރާ ކަނޑުގެ މަގެކެވެ. އެއީ ރަޝިއާއިން ބްލެކް ސީއާ ގުޅޭ ޔޫކްރެއިންގެ ބަނދަރުތަކަށް ހަމަލާ ދީފައިވާތީއެވެ.
ރޮމޭނިއާގެ އިދާރާތަކުން ބުނީ ސަން މަރީނޯގެ ދިދައިގައި ދަތުރުކުރަމުންދިޔަ ‘ވައިން ޓޭންކަރ’ އުޅަނދުން އެމަޖެންސީ އެލާޓެއް ފޮނުވާފައިވާ ކަމަށާއި، އުޅަނދުގެ 12 ފަޅުވެރިންގެ ތެރެއިން 5 މީހުން މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށެވެ. ގެއްލިފައިވާ ހަތް މީހުން ހޯދުމަށް ދެ ހެލިކޮޕްޓަރު ފޮނުވާފައިވާ ކަމަށާއި، ޞިއްޙީ އެހީތެރިންނާ އެކު ދަތުރުކުރަމުންދާ އިތުރު ދެ ބޯޓު ވެސް އެ މީހުން ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ ކަމަަށް އެ ޤައުމުން ބުނެއެވެ. ނަމަވެސް ބޮޑެތި ރާޅު އުފެދިފައިވުމުގެ ސަބަބުން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު މި ވަގުތު ކުރެވެން ނެތް ކަމަށް ރޮމޭނިއާގެ ދާޚިލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހު ވެސް ކޮމޮރޯސްގެ ދިދައިގައި ދަތުރުކުރަމުން ދިޔަ ކެމިކަލް އަދި ތެޔޮ ޓޭންކަރެއް ކަމަށްވާ ޔަރާ ޖޭގައި ވެސް ރޯވެފައިވެއެވެ. އެ އުޅަނދުގައި ތިބި ހުރިހާ ފަޅުވެރިންގެ ޙާލު ވެސް ރަނގަޅެވެ.
ރޮމޭނިއާއަކީ ޔޫކްރެއިންއާއެކު 614 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގެއް ޙިއްޞާކުރާ ޤައުމެކެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ޤައުމުގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ރަޝިއާގެ ގިނަ ޢަދަދެއްގެ ޑްރޯން ޙުއްދަ ނެތި ވަދެފައިވެއެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ބްލެކް ސީގައި ދަތުރުކުރާ އުޅަނދުތަކަށް އަމާޒުވާ ހަމަލާތަކުގެ ސަބަބުން ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ފޯރުމުގެ ނުރައްކާ ވަނީ އިތުރުވެފައެވެ. ރަޝިއާއާއި ޔޫކްރެއިންގެ އިތުރުން ރޮމޭނިއާއަކީ ވެސް ފުޅާ ދާއިރާއެއްގައި ގޮދަން އެކްސްޕޯޓުކުރާ ޤައުމެކެވެ.